ކުޅިވަރު

މެޗު ފަސޭހައެއް ނުކުރާނަން: އެންރީކޭ


ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޔޫކްރެއިން އާއި ދެކޮޅަށް ނުކުންނައިރު މެޗު ފަސޭހަކޮށް ނުލާނެކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ ބުނީ މިރޭގެ މެޗުގައި ފެނިގެންދިޔުމުގެ ފުރުސަތު ބޮޑީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ބޭނުންކުރި ޓީމު ކަމަށާއި، އެހެން ނަމެވެސް މުޅި ޓީމު ބަދަލުކޮށްލާ ޒުވާން އިތުރު ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ އިޚްތިޔާރުވެސް އެބައޮތްކަމަށެވެ. އޭނާ ބުނީ ޔޫކްރެއިން ވީތީ މެޗު ފަސޭހަ ކޮށްނުލާނެކަމަށާއި މެޗަށް ނުކުންނާނީ މޮޅެއް ހޯދަންކަމަށެވެ. ޔޫކްރެއިންގެ ފަރާތުން ދިމާވެދާނެ ހުރިހާ ނުރައްކަލަކަށް ސްޕެއިން އޮތީ ތައްޔާރަށްކަމަށް އެންރީކޭ ބުންޏެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޔޫކްރެއިންގެ ކޯޗު އަންދްރޭ ޗެވްޗެންކޯ ބުނީ ވޭތިވިދިޔަ އަހަރުތަކަށް ބަލާއިރު ސްޕެއިން ފެނުނީ މާވަރުގަދަކޮށް ކަމަށާއި ސްޕެއިންނަކީ އަދިވެސް ޔޫރަޕުގެ ގަދަބާރެއްކަމަށެވެ. އަދި އޭނާއަށް ފެންނަ ގޮތުގައި ކޮންމެ ކޯޗެއް ހުއްޓަސް ސްޕެއިންނަކީ ޓީމުގެ ސްޓައިލާ ގޭމް ޕްލޭން ބަދަލުކުރާ ޓީމެއް ނޫންކަމަށް ޗެވްޗެންކޯ ބުންޏެވެ. ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅެން ޖެހުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް 2004 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިހާރުގެ ޔޫކްރެއިން ކޯޗު ބުންޏެވެ.

އޭނާ ބުނީ ނޭޝަންސް ލީގުގައި މިކަހަލަ ވަރުގަދަ މެޗުތައް ކުޅެލަން ލިބުމުން މުބާރާތްތަކަށް ޓީމުތައް ބައްޓަން ކޮށްލަން ކޯޗުންނަށް ވަރަށް ފަސޭހަވާނެކަމަށެވެ. ޔޫކްރެއިން ވަނީ ފަހުން ވަރަށް ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

ޔުއެފާ ރޭންކިން 24 ވަނައިގައި އޮތް ޔޫކްރެއިން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ގެ ފަހުން އެޓީމު ބަލިވެފަ ވަނީ އެންމެ މެޗަކުންނެވެ. އެންމެފަހުން ކުޅުނު 22 މެޗުގެ ތެރެއިން 14 މެޗު ކާމިޔާބުކުރިއިރު އެއްވަރުވީ ހަތް މެޗުންނެވެ. އެންމެ ފަހުން މި ދެޓީމު ވާދަކޮށްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރަތުގައެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ސްޕެއިންއެވެ.