ޚަބަރު

ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި


ރާއްޖޭގެ ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި އުމުރުން 47 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގަ މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުކަމަށެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާ އެކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާފައިވާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، އެކޮމިޝަނުންވެސް އެ މައްސަލަ ބަލާނެ ކަމުގައި ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.