ގދ.ހޯޑެއްދޫއިން ކޯވިޑް-19ގެ ގިނަ ކޭސްތަކެއް ފެނުނުނަމަވެސް، މިހާތަނަށް އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ނިންމާފައި ނުވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
ހޯޑެއްދޫއިން ފުރަތަމަ ބައްޔަށް ޕޮސިޓިވްވެފައިވަނީ ހޯމްކަރަންޓީންއިން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްތަކަކުން ޕޮސިޓިވްވި 4 މީހުންނެވެ. މި 4 މީހުން ޕޮސިޓިވްވީ 3 ސެޕްޓެމްބަރުގައެވެެ. އަދި 4 ސެޕްޓެމްބަރުގައިވަނީ ފުރަބަންދުގައި ތިބި މީހުންނާއި ގުޅުމެއް ނެތް 2 މީހުން ރަށުން ޕޮސިޓިވްވެފައެވެ. އެޗްއީއޯސީގެފަރާތުން ވާހަކަދައްކަވަމުން ކޮންޓެކްޓް ޓްރޭސިންގގައި އިސްކޮށް ޙަރަކާތްތެރިވާ އައިމިނަތު އަރޫޝާ ވިދާޅުވީ ފަހުން ޕޮސިޓިވްވި 19 މީހުންނަކީ މި 2 ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 36 މީހުންގެ ތެރޭގައި ހިމެނޭ މީހުންކަމަށެވެ. ޕޮސިޓިވްވީ މީހުންނަކީ 5 ގޭބިސީއަކަށް ނިސްބަތްވާ މީހުންނެވެ. މިހާތަނަށް މިކޭތަކާއި ގުޅިގެން 46 ކޮންޓެކްޓުން ފާހަގަވެފައިވާކަމަށް އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.
އަރޫޝާ ވިދާޅުވީ ރަށަށް ބަލި އައުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރި ފަށާފައިވާކަމަށެވެ. އެގޮތުން ރަށުގައި ރެންޑަމް ސާމްޕްލިންގް ނެގުމާއި، ބޯޓުފަހަރުގެ ކްރޫއިންގެ މަޢުލޫމާތުތައްވެސް އެއްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"ބަލި ރަށަށް ދިޔަގޮތް ނުވަތަ އެ ލިންކް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. އެގޮތުން ފުރަބަންދަށްދިޔަ މީހުންނާއި، ބޯޓުފަހަރުން ދިޔަ މީހުންވެސް ދެނެގަނެ އިންވެސްޓިގޭޓްކުރާނަން." އަރޫޝާ ވިދާޅުވިއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިއަށްދަނީ ބަލި ދިޔަގޮތް ދެނެގަތުމާއި، ބަލިމީހުންނަށް ފަރުވާދީ، އެމީހުން އެކަހެރިކޮށް އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ކުރާ މަސައްކަތްކަމަށެވެ.
"އަދި މިއީ ކޮމިއުނިޓި ޓްރާންސްމިޝަންއެއްކަމަށް ނުބެލެވޭ. އެއީ އެއް ކޭސް އަނެއް ކޭސްއާއި އެބަ ލިންކްވޭ. ސޯސްއެއް އަދި ނުފެނެ. ޔަގީންކޮށް ނޭންގުނަސް 2،3ދުވަސްތެރޭ ގައި ފެނުން އެކަށީގެންވޭ." ނަޒްލާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އެއްރަށަކުން މިހާ ގިނަ މީހުންނަށް ކޯވިޑް-19 ޖެހުނު ފުރަޔަމަ ފަހަރެވެ. މި ކޭސްތަކާއި ގުޅިގެން ރަށްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. މިއާއިއެކު އެއްވެ އުޅުމާއި، ސްކޫލްތައްވެސްވަނީ ބަންދުކޮށްފައެވެ.