ޚަބަރު

އެމްޖޭއޭގެ އައު ހިންގާ ކޮމެޓީ އިންތިޚާބުކޮށްފި


މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމް.ޖޭ.އޭގެ އައު ހިންގާ ކޮމެޓީ އިންތިޚާބުކޮށްފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމް.ޖޭ.އޭގެ ހިންގާ ކޮމެޓީ އަލުން އިންތިޚާބުކުރުމަށް ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ މިއަދު ވަނީ ބާއްވާފައެވެ. ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރާ 130 ނޫސްވެރިންނާއެކު އޮންލައިންކޮށް ބޭއްވި ޖަލްސާގައި ޖައްމިއްޔާގެ އައު ހިންގާ ކޮމެޓީގެ 6 މެމްބަރަކު ވަނީ އިންތިޚާބުކޮށްފައެވެ. އެމް.ޖޭ.އޭގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް 12 ނޫސްވެރިއަކު ވާދަކޮށްފައިވާއިރު، އިންތިޚާބު ބާއްވާފައިވަނީ ޒޫމް މެދުވެރިކޮށެވެ. އަދި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ މެސެޖިން އެޕް، ޓެލެގްރާމް ބޭނުންކޮށްގެންނެވެ. މި ޖަލްސާއަށް 4 ގަޑިއިރު ހޭދަވިކަމަށް އެ ޖައްމިއްޔާއިން ބުނެފައިވެއެވެ.

މި ޖަލްސާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސްގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މުޙައްމަދު ހަމްދޫނެވެ. ނައިބު ރައީސްއަކަށް އަލީ ރިފްޝާން އިންތިޚާބުކޮށްފައިވާއިރު، ހިންގާ ސެކްރެޓަރީއަކަށް އަހުމަދު ނާއިފް އަދި ބަޖެޓް ސެކްރެޓަރީ ނުވަތަ ހަޒާންދާރަކަށް ނާޒިމް ޙަސަން ވަނީ އިންތިޚާބުކޮށްފައެވެ. އާންމު މެމްބަރުންގެ ތެރެއިން ހިންގާ ކޮމެޓީއަށް އިންތިޚާބުކޮށްފައިވަނީ މުޙައްމަދު ޖުނައިދާއި ފާތިމަތު ސާޔާއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހުރިހާ ނޫސްވެރިންނަށް އެއްތަނަކަށް އެއްވެ ޖަލްސާ ނުބޭއްވޭނެ ހާލަތެއް މެދުވެރިވެފައިވަނިކޮށް އޮންލައިންކޮށް މި އިންތިޚާބު ކުރިއަށްގެންދިއުމަށް ނޫސްވެރިން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެމް.ޖޭ.އޭއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ނޫސްވެރިންގެ ހައްޤުގައި ވަކާލުކޮށް، މިނިވަން ނޫސްވެރިކަން ދިރުވައި ދަމަހައްޓައި، ކުރިއެރުވުމަށް އަލަށް އިންތިޚާބުވި ހިންގާ ކޮމެޓީން މަސައްކަތް ކުރާނެކަމަށްވެސް އެ ޖައްމިއްޔާއިން ބުނެފައިވެއެވެ.

2009 ވަނަ އަހަރު ވުޖޫދުވި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަކީ ދިވެހި ނޫސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަކާލާތުކޮށް، މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ޕްރޮމޯޓްކުރުމަށްޓަކާ އުފެއްދި ޖައްމިއްޔާއެކެވެ. އެ ޖައްމިއްޔާގެ ފަރާތުން ނޫސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކޮށް، ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ހޯދައިދީފައިވެއެވެ.

އެމް.ޖޭ.އޭގެ ހިންގާ ކޮމެޓީއެއް އެންމެފަހުން އިންތިޚާބުކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން 2014 ވަނަ އަހަރުވެސް ހިންގާ ކޮމެޓީއެއް އިންތިޚާބުކުރުމުގެ މަސައްކަތް އެ ޖައްމިއްޔާއިން ކޮށްފައިވެއެވެ. ނަމަވެސް އެފަހަރު އިންތިޚާބު ބޭއްވޭގޮތްނުވެ، ޖައްމިއްޔާގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، އައު ހިންގާ ކޮމެޓީއެއް އިންތިޚާބުކޮށްފައި މިވަނީ އެ ޖައްމިއްޔާގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 13ގެ ކުރިން ބޭއްވުމަށް ޔޫތް މިނިސްޓްރީން އަންގާފައިވަނިކޮށެވެ.