ޚަބަރު

12 އަހަރުގައި ޙާފިޡަކަށް 22 އަހަރުގައި އެންމެ މާތް މިސްކިތުގެ ބޮޑު އިމާމް


ފުރިހަމަ ނަމުން ބުނެދީފި ނަމަ ގިނަ ބަޔަކަށް ނޭގުމަކީ އެކަށީގެންވާ ކަމަކެވެ. އެހެންނަމަވެސް އެ އަޑުން ޤުރްއާން ކިޔަވާ އަޑު އިވުމުން ގިނަ މުސްލިމުންނަށް ހަމަ ޔަގީނުންވެސް މީ ކޮން ބޭފުޅެއްކަމެއް ނޭގިއެއް ނުދާނެއެވެ.

އެމަނިކުފާނު ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ ރާގަކީ އެެތައް މިލިއަން މުސްލިމުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ރާގެކެވެ. ކިޔަވާ ވިދާޅުވާލެއް ފުރިހަމަ ކަމުން އެތައް އިރަކުވެސް އެމަނިކުފާނުގެ ފަހަތްޕުޅުގައި ނަމާދުގައި ހުންނަން ފަސްޖެހޭނެ އެއްވެސް މުސްލިމަކު ނުހުންނާނެއެވެ. އަދި އެމަނިކުފާނު ކިޔަވާ ރާގަށް ކިޔަވަން އެތައް އިމާމުންނާއި ދަރިވަރުން މިއަދުވެސް އަންނަނީ މަސައްކަތްކުރަމުންމެވެ.

ދައްކަން މިއުޅެނީ ކޮންމެ ހުކުރުދުވަހަކު ހުކުރު ގަޑީގައި މިހާރުވެސް ދިވެހި ރާޢްޖޭގެ އަޑުން ފޮނުވަމުން އަންނަ ޤުރްއާންގެ އަޑުގެ ވެރިޔާ ޙަރަމްފުޅުގެ އިމާމް ޝެއިޚް ސުދައިސްގެ ވާހަކައެވެ. ޝެއިޚް ސުދައިސްގެ ފުރިހަމަ ނަންފުޅަކީ ޢަބްދުއްރަޙްމާން އިބްނު ޢަބްދުލްޢަޒީޒް އައްސުދައިސްއެވެ.

ޝެއިޚް ސުދައިސްގެ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 1961 ވަނައަހަރު ސަޢުދީ ޢަރަބިޔާގެ ޤަސީމްއަށެވެ. ތައުލީމީ ހަޔާތް ފެއްޓެވީ ވެރިރަށް ރިޔާޟްގައެވެ. ޝެއިޚް ސުދައިސް މަތީ ތައުލީމް ހާސިލުކުރެއްވީ މައްކާގެ އުމް އަލް ޤުރާ ޔުނިވާސިޓީންނެވެ. މިގޮތުން 1982 ވަނަ އަހަރު އިސްލާމީ ޝަރީޢާ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާ 1995 ވަނަ އަހަރު ވަނީ ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

މިހާރު އެމަނިކުފާނު ހިމެނިވަޑައިގަންވަނީ މައްކާގެ އުމް އަލް ޤުރާ ޔުނިވާސިޓީ އެންމެ އިސް މުއްދަރިސުންގެ ތެރޭގައެވެ.

ޤުރްއާން ހިތުދަސްކުރެއްވުމާއި ޙަރަމްފުޅުގެ އިމާމަކަށް

ޝެއިޚް ސުދައިސް ވަނީ ވަރަށް ޅަ އުމުރުފުޅުގައި ޤުރްއާން ހިތު ދަސްކުރައްވާ ޙާފިޡެއްގެ ދަރަޖަ ހޯއްދަވާފައެވެ. އުމުރުފުޅުން އެންމެ 12 އަހަރުފުޅުގައި އެމަނިކުފާނު ޤުރްއާން ހިތު ދަސްކުރެއްވީ ޝެއިޚް ޢަބްދުއްރަޙްމާން އަލް ފިރްޔާންގެ ބެއްލެވުމުގެ ދަށުންނެވެ.

ވަރަށް ޅަ އުމުރުފުޅުގައި ޤުރްއާން ހިތިދަސްކުރެއްވުމުގެ އިތުރުން އެމަނިކުފާނު ވަނީ އެހެން ޝަރަފެއްވެސް ހޯއްދަވާފައެވެ. އޭއީ އޭގެ ދިހަ އަހަރުފަހުން 1984 ވަނަ އަހަރުގައެވެ. އުމުރުފުޅުން 22 އަހަރުފުޅުގައި މަސްޖިދުލް ޚަރަމްގެ އިމާމަކަށް ވެޑައިގެން ޒުވާން އުމުރުފުޅުގައި ޙަރަމްފުޅުގައި އިމާމްވެ ހުކުރު ކުރެއްވެވުމުގެ ޝަރަފް ހޯއްދެވިއެވެ.

އޭގެފަހުން ކޮންމެ އަހަރަކު ރޯދަމަހު ޙަރަމްފުޅުގައި އިމާވެ ތަރާވީޙް ނަމާދުކުރައްވަން ފެއްޓެވިއެވެ. އަދި 2015 ވަނަ އަހަރު 35 ވަނަ ފަހަރަށް ޙަރަމްފުޅުގައި އިމާމްވެ ހަތިމުކުރައްވާ ޙަތަމް އަލް ޤުރްއާން ދުއާ ފުރިހަމަކުރައްވާފައިވެއެވެ.

މީގެއިތުރުން 1437 ވަނަ އަހަރު ޙައްޖު ހުތުބާ ދެއްވާފައިވަނީވެސް ޑރ ސުދައިސްއެވެ.

ދެ ޙަރަމް ބެލެހެއްޓެވުމުގެ ޒިންމާ


ދެ ޙަރަމް ބެލެހެއްޓެވުމުގެ ޒިންމާ ނުވަތަ ރިޔާސަތުލް ޢާއްމު ލި ޝުއޫނިލް މަސްޖިދުލްޙަރާމް ވަލް މަސްޖިދުލް ނަބަވީ (ޕްރެސިޑެންޓް އޮފް ޖެނަރަލް ޕްރެސިޑެންސީ ފޯ ދަ އެފެއަރޒް އޮފް ދަ ޓޫ ހޮލީ މޮސްކް ) ޑރ ސުދައިސް އާއި ހަވާލުކުރެއްވިއެވެ.

ސަޢުދީ ޢަރަބިޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްއަޒީޒް ނެރުއްވި ޤަރާރަކުން ޑރ ސުދައިސް މި މަޤާމަށް އައްޔަންކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ މޭމަހުގެ 8 ވަނަދުވަހުއެވެ. އެ މަޤާމަށް ޝެއިޚް ސުދައިސް އައްޔަންކުރައްވާފައިވަނީ ވަޒީރެއްގެ ފެންވަރުގައެވެ. އަދި މި މަޤާމަށް އިތުރު ހަތަރު އަހަރަށް ޑރ ސުދައިސް އައްޔަންކުރެއްވިކަން މިއަހަރުގެ ތެރޭގައި ރަސްގެފާނުގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.

ދެ ޙަރަމްފުޅު ބެލެހެއްޓެވުމުގެ އެންމެ މަތީ ޒިންމާތައް ޑރ ސުދައިސް އާއި ހަވާލުކުރައްވާފައިވަނީ އެ މަޤާމުގައު ކުރިން ހުންނެވި ޝައިޚް ސާލިހް ބުނު ޢަބްދުއްރަޙްމާން އަލް ޙުޞައިން ސިއްޙީ ހާލުކޮޅު ހުރި ގޮތުން މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޙަރަމްފުޅުގެ އެންމެ އިސް އިމާމް އަދި ހަތީބު ޑރ ސުދައިސް ދެ ޙަރަމްފުޅު ބެލެހެއްޓެވުމުގެ މުއައްސަސާގެ ވެރިޔަކަށް އައްޔަންކުރައްވާފައިވަނީ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިންނެވެ. އެމަނިކުފާނު ބެއްލެވުމުގެ ދަށުން ހިގަމުން އަންނަ މަސައްކަތުގެ ދަށުން މަސްޖިދުލް ޙަރަމާއި މަސްޖިދުލް ނަބަވީ ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.

ވަރުގަދަ އިސްލާމީ ޝަޚްޞިއްޔަތެއް

ފަލަސްތީންގެ ބިމަށް އިޒްރޭކުން ވެރިވެގަނެގެން އުޅޭ މައްސަލައާއި އެހެނިހެން ދީނީ ކަންކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާ ޑރ ސުދައިސް އަކީ އެތައް މިލިއަން މުސްލިމުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. މުސްލިމް އުއްމަތް އެއްބައިވަންތަކަމުގައި ތިބެ ސާބިތުކަމާއި އެކު އިސްލާމް ދީނުގައި ކުރިޔަށް ދިޔުމަށް އެމަނިކުފާނު ހުތުބާ ތަކުގައި ދެއްވާ މެސެޖްތަކަކީ މިއަދުވެސް އެކި ޕްލެޓް ފޯމްތަކުގައި ދައުރުކުރަމުން އަންނަ މެސެޖްތަކެވެ.

ޑރ ސުދައިސްގެ ދީނީ ދަރުސްތަކާއި އެމަނިކުފާނުގެ ސާބިތުކަމަށް 2005 ވަނަ އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތުގެ އެވޯޑް ވަނީ އަރުވާފައެވެ.