ކުޅިވަރު

ކައި ހަވާޓްޒް ޗެލްސީއަށް


ޖަރުމަންގެ އެޓޭކިން މިޑްފީލްޑަރު ކައި ހަވާޓްޒް، ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ހާވާޓްޒް އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ. ޗެލްސީން ހަވާޓްޒްގެ ސޮއި ހޯދީ 71 މިލިޔަން ޕައުންޑަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަވާޓްޒް ހޯދުމަށް ޗެލްސީން 71 މިލިޔަން ޕައުންޑް ޚަރަދުކުރުމުން، އޭނާ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޗެލްސީން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މިދިޔަ އަހަރު ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ގަތުމަށެވެ. ކެޕާއަށް ޗެލްސީން ވަނީ 71.6 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ.

ބަޔާ ލެވަކޫސެނުން ޗެލްސީއަށް ބަދަލުވި ހަވާޓްޒް ވަނީ ލެވަކޫސެންއަށް ކުޅެދިން 150 މެޗުގައި 46 ލަނޑު އެޓީމަށް ޖަހައިދީފައެވެ. އަދި ޖަރުމަންގެ ގައުމީ ޓީމަށް މިހާތަނަށް ހަތް މެޗު ކުޅެދީ އެއް ލަނޑު ޖަރުމަނު ޓީމަށް ޖަހައިދީފައެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔޫރަޕުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ޗެލްސީއެވެ. މީގެ ކުރިން ޗެލްސީން ވަނީ ޒުވާން ޑިފެންޑަރު މަލަންގް ސާއާ، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލީޕްޒީގްގެ ފޯވާޑް ޓިމޯ ވާނާއާ، އަޔަކްސްގެ ހަކީމް ޒިޔެކް އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާ އެޓީމަށް ގެނެސްފައެވެ.