ކުޅިވަރު

ނ.ކެނދިކުޅުދޫގެ ޓާފް ދަނޑުގެ މަސައްކަތް ނިންމާލައިފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ކުރަމުން އަންނަ ޓާފް ފުޓްބޯޅަ ދަނޑު ތަކުގެ ތެރެއިން ނ.ކެނދިކުޅުދޫގައި އެޅި ފެންވަރު ރަނގަޅު ޓާފް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ފީފާގެ މިންގަނޑަށް ފެތޭ ގޮތަށް ކެނދިކުޅުދޫގައި އެޅި ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނިންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް ދެ މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، ޓާފް އެޅުމުގެ މަސައްކަތަށް 4.2 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ނ.ކެނދިކުޅުދޫގައި އެޅި ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުކަން އިޢުލާންކުރަމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަސައްކަތަށް ކެނދިކުޅުދޫ ކައުންސިލާއި، އެ ރަށުގެ ޒުވާނުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ ކުރިއަށް އޮތް ހަފުތާ ތެރޭގައި ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ލ. ގަމާއި ފުވައްމުލައް ސިޓީގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ. މީގެ ކުރިން ވަނީ ތ.ވިލުފުށީ ޓާފް ދަނޑާއި، ފ.ނިލަންދޫ ޓާފް ދަނޑާއި ނ.ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. އަދި ކ. ގުރައިދޫ އާއި، އައްޑޫ ސިޓީ ހުޅުދޫ އާއި، ނ.ކުޑަފަރީއާއި ރ.އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.