ރަޝިޔާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.
ރަޝިއާގެ ބޮޑުވަޒީރު މިކާއިލް މިސްހުސްތިން ސޮއިކުރައްވާ ނެރުއްވި ޑައިރެކްޓިވްއެއްގެ ދަށުން ރާއްޖެ، ޔުނައިޑަޓް އަރަބް އެމިރޭޓްސް އަދި މިސްރަށް ރަޝިއާއިން ވައިގެ ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރަޝިއާއިން މިސްރަށް ހަފްތާއަކު ތިން ފްލައިޓް އަދި ޔޫއޭއީ އަށާއި ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ލިމިޑަޓް، އެމްއޭސީއެލްއިން ބުނީ ރަޝިޔާއިން އޭރޯފްލޮޓް މެދުވެރިކޮށް ރާއްޖެއަށް ދަތުރުތައް އަންނަމަހު ފަށާނެކަމަށް ބެލެވޭކަމަށެވެ. އަދި މިކަމުގެ ތައްޔާރީތައް ކަމާބެހޭ ފަރާތްތަަކުން ވަމުންދާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ކޯވިޑް-19އާ ގުޅިގެން ރަޝިޔާއިން އެކި ޤައުމުތަކަށް ކުރަމުން ދިޔަ ދަތުރުތައް ވަނީ ވަގުތީ ހުއްޓާލާފައިވަނީ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ޤައުމުތަކުގެ ކޯވިޑް-19ގެ ހާލަތު ހުރިގޮތަށް ބަލާ، ރަޝިޔާއާއި އެހެން ޤައުމުތަކާއި ދެމެދު ވައިގެ ދަތުރުތައް ދަނީ ފަށަމުންނެެވެ. މިގޮތުން އޯގަސްޓް 1 ވަނަ ދުވަހު ރަޝިޔާއިން އިނގިރޭސިވިލާތް، ޓެންޒޭނިއާ އަދި ތުރުކީއަށް ވައިގެ ދަތުރުތައް ފެށިއެވެ. އަދި އޯގަސްޓް 15 ގައި ސުވިޓްޒަލޭންޑަށް ދަތުރުތައް ވަނީ ފަށާފައެވެ.
ކޯވިޑް-19 ގެ ކުރިން ރަޝިޔާގެ އޭރޯފްލޮޓް އިން ދިޔައީ މޮސްކޯއާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ފްލައިޓްތައް އޮަޕަރޭޓްކުރަމުންނެވެ.
ރަޝިޔާއަކީ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް ރަޝިޔާއިން ރާއްޖެއަށް 74 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2019 ގައި ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 5 އިންސައްތައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު ގަތަރު އެއަރވޭސް، ސްރީލަންކަން އެއަރލައިންސް، އެމިރޭޓްސް އަދި އެހެން ބައެއް އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.