ޚަބަރު

ޕީ.އެސް.އެމްއަށް ހަތް ޗެނަލެއް އުފެއްދުމަށް ލައިސަންސް ދެއްވައިފި


ޕަބްލިކް ސަރވިސް މީޑިޔާ، ޕީ އެސްއެމްއިން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ 7 ޗެނަލަކަށް ބްރޯޑްކާސްޓިން ލައިސަންސް ދެއްވައިފިއެވެ.އަލަށް އުފައްދާ 5 ޓީވީ ޗެނަލާއި، 2 ރޭޑިއޯ ޗެނަލަށް ބްރޯޑްކާސްޓިން ލައިސަންސް ދެއްވިކަމުގެ ލިޔުންތައް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ ޕީ އެސް އެމްއަށް ހަވާލުކުރައްވާފައެވެ.ޕަބްލިކް ސަރވިސް މީޑިޔާއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބުނު 7 ޗެނަލަކީ ތަފާތު އެކި ދާއިރާތަކަށް ޚާއްސަކޮށްގެން އުފައްދާ ޗެނަލްތަކެކެވެ. އަލަށް އުފައްދާ 5 ޓީވީ ޗެނަލަށް ބަލާލާއިރު، ޕީ.އެސް.އެމް ނިއުސްގެ ނަމުގައި ޚަބަރަށް ޚާއްސަ ޓީވީ ޗެނަލަކާއި، ޒުވާނުންނާއި، މުނިފޫހިފިލުވުމާއި ކުޅިވަރަށް ޚާއްސަ ޗެނަލާއި،  ތައުލީމީ ދާއިރާއަށް ޚާއްސަ ޗެނަލާއި، އިސްލާމް ދީނަށް ޚާއްސަ ދީނީ ޓީވީ ޗެނަލެއްގެ އިތުރުން، ރާއްޖެއާއި ބެހޭގޮތުން އިނގިރޭސި ބަހުން ގެނެސްދޭ އިންޓަނޭޝަނަލް ޗެނަލެއްވެސް ހިމެނެއެވެ. އަދި އަލަށް އުފައްދާ 2 ރޭޑިއޯ ޗެނަލަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އުފައްދާ ޗެނަލަކާއި، އިސްލާމް ދީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ޗެނަލެކެވެ. މިއަދު ލައިސަންސް ލިބުނު 7 ޗެނަލާއެކު، ޕަބްލިކް ސާރވިސް މީޑިޔާއަށް ޖުމްލަ 11 ޗެނަލް ހިންގުމަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވެއެވެ. ލައިސަންސް ލިބުނުކަމުގެ ލިޔުންތައް ހަވާލުކުރުމަށް މިއަދު ބްރޯޑްކާސްޓިން ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޕީއެސް އެމުން މިހާރު ހިންގަމުން އަންނަ ޗެނަލްތަކުން ޚިދުމަތް ދެވޭ ވަރަށްވުރެ ޤައުމުގެ ހަރަކާތްތައް އިތުރުވެފައިވާކަމަށާއި، އެހެން ކަމުން މުޖުތަމައުގެ އެކި ދާއިރާތަކަށާއި، އެކި ގިންތި ތަކަށް ޚާއްސަ ކުރެވޭ މި ޗެނަލްތަކަކީ ޤައުމުގެ ތަރައްގީއަށް މުހިންމު ހިއްސާއަކަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. "އަލަށް އުފައްދާ ޗެނަލްތަކާއި އެކު، މި ދާއިރާތަކުގައި މަސައްކަތް ކުރަން ބޭނުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ. ފަންނީ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މި ޗެނަލްތަކުގެ ސަބަބުން ފައިދާ ކުރާނެ. ޚަލީލް ވިދާޅުވިއެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އިޖުތިމާއީ ފޭރާން ވީދިފައިވާއިރު، ތަފާތު ދާއިރާތައް ހިމެނޭގޮތުން ޗެނަލްތަކެއް އުފެދިގެން ދިއުމަކީ ގައުމު ސިޔާސީ ވުމުގެ ބަދަލުގައި ތަރައްގީއަށް އޮތް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަލަށް ލައިސަންސް ލިބުނު ޗެނަލްތަކުގެ ޚިދުމަތް އަންނަ އަހަރުގެ މެއި މަހުގެ ކުރިން ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ކަމަށް ޕީ.އެސް.އެމްގެ އިސް މެނޭޖްމަންޓުން މައުލޫމާތުދެއެވެ. ޕީ.އެސްއެމުން މިހާރުވެސް ގެންދަނީ ދެ ޓީވީ ޗެނަލާއި، ދެ ރޭޑިއޯ ޗެނަލާއި، މަޖައްލާއެއްގެ އިތުރުން އޮންލައިނެއްވެސް ހިންގަމުންނެވެ.