ސިއްހަތު

ސިއްހީ ހިދުމަތްތައް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ސިއްހީ ދާއިރާއަށް މީހުން ތަމްރީން ކުރުމާއި ސިއްހީ ދާއިރާގައި ދެވޭ ހިދުމަތްތައް ކުރިއެރުވުމަށް ބޭނުންވާ ކަންތައްތަކާއި ގުޅޭ ގޮތުން މި ސަރަޙައްދުގެ ހެލްތް މިނިސްޓަރުން މަޝްވަރާކޮށްފިއެވެ.ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި މިހާރު ކުރިއަށްދާ ޑަބްލިޔު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލްވުމުގެ މިއަދުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލްވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.މި ބައްދަލްވުމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މި ސަރަޙައްދުގެ ސިއްޙީ ދާއިރާއަށް ޙިދުމަތް ދިނުމުގެ ކަންތައްތައް މިހާރަށް ވުރެއް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނާއި ރައްޔިތުންނާއި އެއްމެ ކައިރިން ސިއްޙީ ހިދުމަތްތައް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލްވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.މީގެ އިތުރުން މިއަދުގެ ބައްދަލްވުމުގައި ވަނީ 2017 ވަނަ އަހަރުގެ ރީޖަނަލް ކޮމިޓީ ބައްދަލްވުން ރާއްޖޭގައި ބޭއްވުމަށް ހުށަހަޅާފައެވެ. އަހަރަކު އެއްފަހަރު ބާއްވާ މިނިސްޓަރުން ފެންވަރުގެ މި ބައްދަލްވުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައެވެ.އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލްވުމުގައި ދެކެނު އޭޝިއާއަށް ނިސްބަތްވާ ހުރިހާ ޤައުމަކުން ބައިވެރިވެފައިވާ އިރު އޭގެ ތެރެއިން 8 ޤައުމެއްގެ ހެލްތް މިނިސްޓަރުން މި އަހަރުގެ ބައްދަލްވުމުގައި ބައިވެރިވެރިވެފައިވެއެވެ.ޑަބްލިޔު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިޔާގައި ހިމެނޭ ޤައުމްތަކަކަކީ، ދިވެހި ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ތައިލޭންޑް، ބޫޓާން، ޑެމްކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާ، ނޭޕާލް، އިންޑޮނޭޝިއާ، މިއަންމާ އަދި ޓިމޯރ ލެސްޓޭއެވެ.