ޚަބަރު

"އިންޑިއާ ސަރުކާރުގެ އެހީގައި ހަދާ ޕޮލިސް އެކަޑަމީއަކީ ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫޢެއް"


އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް އެކަޑަމީއަކީ 2012ވަނަ އަހަރުންފެށިގެންް ތަރައްޤީކުރަމުން އަންނަ މަރުކަޒެކެވެ.

އެމަރުކަޒުގެ މަސައްކަތް ހިނގަމުން އަންނަތާ މިހާރު 8 އަހަރު ފާއިތުވީއިރު އެއެކަޑަމީއަކީ އިންޑިއާގެ އެހީގައި އައްޑޫސިޓީގައި ތަރައްޤީކުރާ އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ދަނީ ވާހަކަދެކެވެމުންނެވެ. އެތަނުގައި އިންޑިއާ ސިފައިން ދާއިމީކޮށް ތިބޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ތުހުމަތުކުރަމުންނެވެ.

ނަމަވެސް މިމަޝްރޫޢާ ގުޅޭގޮތުން މީގެކުރިން ނުދެކެވޭ ގިނަ ވާހަކަތަކެއް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މިވަނީ އިއްޔެ ހާމަކުރައްވާފައެވެ. އަދި އިދިކޮޅުން ސަރުކާރަށް ކުރާ މިތުހުމަތުތަކަށް ހޫނު ރައްދެއް ދެއްވާފައެވެ.

އިންޑިއާގެ އެހީގައި ތަރައްޤީކުރާ ޕޮލިސް އެކަޑަމީއަކީ ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި އިންޑިއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުން އަންނަ މަރުކަޒެކެވެ. ދ.ވާނީގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނުިސްޓަރ ޢަބްދުﷲ ޝަހިދު ވިދާޅުވީ، އައްޑޫގައި ޕޮލިސް އެކަޑަމީއެއް އެޅުމަށް އެންމެ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ 29 ސެޕްޓެމްބަރ 2012ވަނަ އަހަރުކަަމަށެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ އަދި ކުރީ ސަރުކާރުގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓަށް އޭގެ ފަހުން މިވީ ދުވަސްތަކުގެ ތެރޭގައި ތަފާތު ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ޑރ.ޖަމީލް ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި އެއިރު އޮތީ މި މަޝްރޫޢު ޅ.ދިިއްފުށިމާދޫގައި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އޭގެ ފަހުން އެމަޝްރޫޢަށް ބަދަލުތަކެއް ގެނެސް 2014ވަނަ އަހަރު އެމަޝްރޫޢު ހައްދުންމަތީގައި ކުރިއަށް ގެންދިއުމަށް ނިންމިއެވެ. އަދި އޭގެ ފަހުން މިމަޝްރޫޢު ބަދަލުވީ އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އައްޑޫސިޓީގައި ޕޮލިސްއެކްޑަމީ އެޅުމަށް ނިންމީ މިސަރުކާރުން ނޫންކަމަށާއި، އެއީ ކުރީ ސަރުކާރުގެ ނިންމުމެއްކަން އެނގެއެވެ. އައްޑީސިޓީއަށް މިމަޝްްރޫޢު ބަދަލުކުރުމުގައި އެންމެ އިސްކޮށް ހުންނެވީ އެއިރުގެ ހޯމް މިނިސްޓަރ ޑރ.ޖަމީލްކަމަށްވެސް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

"އޭރު މިމަޝްރޫޢު ހިނގަން ކަނޑައެޅުނީ ޅ.ދިއްފުށި މާދޫގައި. އޭގެ ފަހުން 2014 ވަނަ އަހަރު އެ ޕްރޮޖެކްޓް ބަދަލުކުރެއްވީ ލ. އަތޮޅަށް. އެއަށްފަހު ބަދަލުކުރެއްވީ އައްޑުއަތޮޅަށް. އައްޑުއަތޮޅަށް ބަދަލުކުރުމުގައި މަޝްވަރާތަށް ކުރެއްވި އެކަމުގައި އިސްކޮ ހުންނެވީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވީނަމަވެސް މަސައްކަތްތަކުގައި ހައްގު ޝުކުރު އަދާކުރަންޖެހޭކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރވަނީ އައްޑޫ ޕޮލިސް އެކަޑަމީގެ ބިންގާ އަޅުއްވައިދެއްވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކާއި، އެއިރުގެ ހޯމް މިނިސްޓަރ ޑރ.މުޙައްމަދު ޖަމީލް އަޙްމަދަށް ޝުކުރު އަދާކުރައްވާފައެވެ. ފޮރިން މިނިސްޓަރވަނީ ކަންކަން ދިގުލައިގެން ލަސްވާން މިސަރުކާރުން ބޭނުންނުވާކަމަށް ވިދާޅުވެ، މިދިޔަ އަހަރުން ފެށިގެން މިމަޝްރޫޢު އިތުރަށް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭކަން ފާހަގަކުރައްވައި ދިވެހި ފުލުހުން ތަމްރީނުތައް ކުރިއަށް ގެންދެވޭނެކަމުގެ އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

"ސިޔާސީގޮތުން ޚިޔާލު ތަފާތުވުންތައް ހުއްޓަސް ކަމެއްގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންތަކެއްވިއްޔާ އެބޭފުޅުންނަށް ހައްގު ޝުކުރު ދަންނަވާލަން. އެހެންކަމުން ފުލުހުންގެ 16ވަނަ، މިއަހަރީ ދުވަހު އައްޑު އަތޮޅުގައި ޤާއިމްކުރަން މަސައްކަތްކުރާ މަރުކަޒު ޤާއިމުކުރަން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދާއި ޢުމަރު ނަޞީރަށް އަޅުގަނޑާ ތިޔަ އެންމެ ބޭފުޅުންގެ ފަރާތްޕުޅުން ޝުކުރު ދަންނަވަން،" މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ފުލުހުންނަށް ތަމްރީނާއި ޤާބިލުކަން ހޯދައިދިނުމަކީ ސަރުކާރުގެ އެންމެއިސް އެއް ވާޖިބުކަމަށާ، އެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. އަދި ދ.ވާނީ އާއި އައްޑޫގައި ހަދާ ފުލުހުންގެ މަރުކަޒުތައް ނިމުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކުުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމަށް ފުލުހުންނަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީއަށް އިންޑިއާގެ ނުފޫޒު އޮތްކަމަށްދެކެވޭ ވާހަކައަކީ ދޮގު ވާހަކަތަކެއްކަމަށާއި، އެފަދަ އެއްވެސް ނުފޫޒެއް ނެތްކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެމަރުޒަކީ ދިވެހިންގެ ފުރިހަމަ ބެލުމުގެ ދަށުގައި އޮންނާނެ ތަނެއްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.