ވިޔަފާރި

މިދިޔަމަސް ނިމުނުއިރު ރާއްޖެ ޒިޔާރަތްކުރީ 9329 ފަތުރުވެރިން


މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 9329 ފަތުރުވެރިންކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 7628 ފަތުރުވެރިންނެވެ. އަދި ޖުލައިމަހު ރާއްޖެ ޒިޔާރަތްކުރީ 1701 ފަތުރުވެރިންނެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރީ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 9329 އެވެ.

އިމިގްރޭޝަންގެ މި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓްމަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

އޮގަސްޓްމަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި 3 ޤައުމުގެ ތެރޭގައި ހިމެނެނީ ޔޫ.އޭ.އީ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ. ޔޫއޭއީ އިން 1627 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އިނގިރޭސިވިލާތުން 715 އަދި އެމެރިކާއިން 674 ފަތުރުވެރިން ނިމިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.