ޚަބަރު

ކޯވިޑް-19 : އަތޮޅުތަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު


ރާއްޖެއިން އިތުރު 199 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު، އަތޮޅުތަކުން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުން 168 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން 31 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ މިހާތަނަށް މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 41 ރަށަކުންނާއި، 16 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި 16 ފަތުރުވެރިއަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ 29 މުއައްޒަފުން ހިމެނެއެވެ. މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ، ދ. މާއެނބޫދޫ އަދި ދ. ކުޑަހުވަދޫއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 145 މީހުންނަކީ ދިވެހިންނެވެ. ދެން މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 42 މީހަކާއި، އިންޑިއާ 5 މީހަކާއި، ސްރީލަންކާގެ 3 މީހަކާއި، އެމެރިކާގެ 2 މީހަކާއި، ޗައިނާ އާއި ޖަޕާން މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމުލަ 8003 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 4950 މީހުންނަކީ ދިވެހިންނެވެ. އަދި 3046 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 110 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5265 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 29 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 7 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2703 އަރާފައިވާއިރު، 1395 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 162 އަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 958 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަދު ވަނީ 113885އަށް އަރާފައެވެ.