ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ ހަޤީޤީ މަންޒަރު އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ - ރައީސް


ކޯވިޑް-19އާ ގުޅޭގޮތުން ރާއްޖޭގެ ހަޤީޤީ މަންޒަރު އަދިވެސް ގިނަ ބަޔަކަށް ނޭނގޭކަމަށާ، ރާއްޖޭގެ ޙާލަތު އަދިވެސް ރަނގަޅަށް ބުނެ ނުދެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާތައް އިސްނަގައިގެން ފެށި"ކޯވިޑް، ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ފެށި "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާޙުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިކެމްޕެއިނަކީ ރާއްޖެ މިހާރު އޮތް ޙާލަތަށް ވަރަށް ބޭނުންތެރި ކެމްޕޭނެއްކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އެންމެން އެކުގައި މަސައްކަތްކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށްގެންކަމަށާއި، ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެންކަމަށް ވިދާޅުވިއެވެ. އެގޮތުން ޒަރޫރީ ކަމެއްގައި ނޫނީ ޢާންމުންގެ ތެރެއަށް ނުނިކުތުމަށާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް އަދި ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން މިބަލީގައި މިހާތަނަށް 29 މީހަކު މިހާތަނަށް ނިޔާވެފައިވާކަން ފާހަގަކުރައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭގެތެރެއިން ގިނަ މީހުންނަކީ ޢުމުރުން ދުވަސްވީ އިސްރަށްވެހިންކަމަށާއި، މިއީ އެމީހުންގެ އާއިލާތަކަށާއި، މުޅި ޤައުމަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއްގެގޮތުގައި ސިފަކުރައްވާފައެވެ. ރައީސް ވިދާޅުވީ، މިބަލިޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެނަމަ ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮބި ނޯންނަ ޙާލަތަށް ކަންކަން ހިނގައިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފަރުވާކުރެވޭނެ ވަޞީލަތްތަކާއި، އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް ފަރުވާ ދޭންތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުކަތާވަރަށް ވަރުބަލި މީހުން އިތުރުވެއްޖެނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އޮތްކަމުގެ ކަންބޮޑުވުންވެސް ރައީސް ފާޅުކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އެންމެންނަށް އެމަންޒަރު އެބަފެނޭ. ދިވެހި ނޫސްވެރިންނަށްވެސް އެމަންޒރު ވަރަށް ގަތުން އެބަފެނޭ. ކޯވިޑް ފެތުރުމާ ދެކޮޅަށް ރާއްޖޭގެ މީޑިއާތައް މިތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ޤައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަލަށް ތަޞައްވަރުކުރެވޭތީ. އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، އެ ޙާލަތަށް ނުދަނީސް، މި ބަލި ކޮންޓްރޯލް ކުރެވޭތޯ. އެޗް.ޕީ.އޭ އިން ކެނޑިނޭޅި އެ ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކޮށްފިއްޔާ، މިއީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ބައްޔެއް ނޫން. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ނޫސްވެރިންގެ މި ކެމްޕޭނާއެކު މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫސްވެރިންނަކީ، ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއްކަމަށާއި، އިޤްތިޞާދީ ގޮތުންނާއި، ނުވަތަ ސިޔާސީ ގޮތުން ޤައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް ޢާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތެއްކަމަށް ޤަބޫލުފުޅުކުރައްވާކަަމށް ވިދާޅުވެ އެމަނިކުފާނު ވަނީ މީޑިއާއިންކުރާ މަސައްކަތަށް ތަޢުރީފްކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކޯވިޑާ ގުޅޭ ގޮތުން ރާއްޖޭގެ ޙަޤީޤީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޙާލަތު ރަނގަޅަށް ބުނެނުދެވޭކަމަށާއި، ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަޤީންކުރައްވާކަމަށެވެ. މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، ކޮމިޔުނިޓީ ސްޕްރެޑެއް ނެތްކަމަށާއި، އެހެން ރަށަކުން ބަލި މީހަކު ފެނުނަސް، ޞިއްޙީ ޚިދުމަތްތެރިން އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރަމުންކަމަށް ވިދާޅުވެ ރައީސް ވަނީ ސިއްޙީ ޚިދުމަތްތެރިންނަށް ހިތްވަރުދެއްވާފައެވެ. ރައީސް ވަނީ ރާއްޖެއާއި ގުޅޭގޮތުން އެންމެ ރަނގަޅު މެސެޖު ބޭރުދުނިޔެއަށް އަދިވެސް ނުދެވޭކަމަށް ވިދާޅުވެ މިދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާފައެވެ.

"ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މިއޮންނަނީ މުޅިން ވަކިން. މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް. ވަކިން ޚާއްޞަކޮށް އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓް ހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތިޔަ ބޭފުޅުންގެ ކެމްޕޭންގެ ތެރެއިން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް. ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް ޢަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެ ނަމަ، ވަރަށް ފަސޭހައިން އެކަމެއް ޙާސިލްކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޯވިޑާއި ގުޅޭގޮތުން ތެދު ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި މި ނޫސްވެރިންނަށާއި، މީޑިއާ އިދާރާތަކަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވަމުންނެވެ.

"މިއަދުވެސް، ތިޔަ ބޭފުޅުންގެ ފަރާތުން އަދި ހުރިހާ ދިވެހި ނޫސްވެރިންގެ ފަރާތުން، އަޅުގަނޑު އެދޭ އެދުމަކީ، ކަންކަމުގެ ޙަޤީޤަތް ނޯޅޭ ގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން. ޒިންމާދާރުކަމާ އެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ވަޑައިގެން، މިކެމްޕޭން ކާމިޔާބުކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބަ އޮތް. މީޑިއާތަކުން މިއަދު މިފެށި ކެމްޕޭނަކީ މާތް ﷲގެ ވާގިފުޅާއެކު ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. ވަކިން ޚާއްޞަކޮށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ." ރައީސް ވިދާޅުވިއެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ މަޤްޞަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމެވެ. މިކެމްޕޭންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މިނިވަން މުއައްސަސާތައް ވެސް، ބައިވެރިވެ މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.