ޚަބަރު

ބަންދަށް މުއްދަތުޖަން ގެންދާމީހުންގެ އަދަދު ދަށްވެއްޖެ


ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހަށްވުރެ، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ އަދަދު ދަށަށް ގޮސްފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަކަ ހަމަސްދުވަހު ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރި މީހުންގެ އަދަދުވަނީ %12 ދަށަށް ގޮސްފައެވެ. އެގޮތުން ބަންދާމެދު ގޮތެއް ނިންމުމަށް 2014 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހު 6002 މީހުން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވާކަމަށާއި، އެހެން ނަމަވެސް މިއަހަރު އެއަދަދު 4670 އަށް ދަށަށް ގޮސްފައިވަކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.ބަންދައް މުއްދަތު ޖެހުމަށް މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ހާޒިރުކޮށްފައިވާ 4670 މީހުންގެ ތެރެއިން 3785 މީހުން ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފައިވާއިރު، ބަންދަށް މުއްދަތު ޖަހައިނުދީ ދޫކޮށްލާފައިވަނީ 885 މީހުނެވެ.ބަންދައް މުއްދަތު ޖެހުމަށް ވޭތުވެދިޔަ 6 މަސްދުވަހު ކޯޓަށް ހާޒިރުކުރި މީހުންގެ ތެރެއިން ގިނައީ ވައްކަމާއި، މަސްތުވާ ތަކެތީގެ މައްސަލަތަކާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރާ މީހުންކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި މަސްތުވާ ތަކެތީގެ މައްސަލަތަކުގައި 1938 މީހުން ހާޒިރުކޮށްފައިވާއިރު، ވައްކަމުގެ މައްސަލަތަކުގައި 974 މީހުން ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ހާޒިރުކޮށްފައެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގައި 778 މީހުންގެ ބަންދަށް މުއްދަތުޖެހުމަށް ހާޒިރުކޮށްފައިވާކަމަށް ކްރިމިނަލްކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.