ކޯވިޑް-19ގެ ޙާލަތުގައި އަސަރުކޮށްގެން އެންމެ ގިނައިން ނަފްސާނީ އެހީ ދީފައިވަނީ ޒުވާނުންނަށްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
މިޙާލަތުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީފައިވަނީ ސެންޓަރ ފޯރ މެންޓަލް ހެލްތާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކެރެޓްރީ ޖެނެރަލް ފާޠިމަތު ހިމްޔާ ވަނީ އެމްއާރްސީން ކޯވިޑް-19ގެ ޙާލަތުގައި ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ. ހިމްޔާ ވިދާޅުވީ އެމްއާރްސީން ނަފްސާނީ އެހީތެރިކަން ބޭނުންވެގެން އެންމެ ގިނައިން ގުޅަނީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށްކަމަށެވެ. އެގޮތުުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިން 1425އަށް ގުޅައިގެން 900 ފޯންކޮލްއާއި 44 ގްރޫޕް ސެޝަނާއެކު 2600 މީހުންނަށް ވަނީ މިއެހީ ފޯރުކޮށްދީފައިކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ވަޒީފާ ގެއްލިގެންނާއި ބަލީގެ ނުރައްކޖަލުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތައް ހިމެނޭކަމަށް ހިމްޔާ ވިދާޅުވިއެވެ. އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތަށް 40 ފަރާތެއް ވަނީ ރިފަރކޮށްފައެވެ.
"އަޅުގަނޑުމެން ވަނީ ސްކޫލްތައް ހުޅުވާތީ 60 ފަރާތެއް ތަމްރީންކޮށްފައި. މީގެ ތެރޭގައި ޓީޗަރުންނާއި ލީޑިންގް ޓީޗަރ އަދި ޕްރިންސިޕަލުން ހިމެނޭ. މި ޕީރިއަޑްގައި 249 ފަރާތެއް ޕީއެސްއެސް ޓްރެއިނިންގް ދީފައިވޭ. ޕީއެފްއަށް 6300 ފަރާތެއް ތަމްރީންކޮށްފައިވަނީ" ހިމްޔާ ވިދާޅުވިއެވެ.
އެޗްޕީއޭގެ ޤަވާއިދާ އެއްގޮތައް ޢާންމުންނަށް ޚިދުމަތްދޭ ތަންތަން ހިންގާތޯ ބެލުމަށް 400އަށްވުރެ ގިނަ އިންސްޕެކްޓްކޮށްފައިވާއިރު، ބިދޭސީންނަށް ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާކަން ހިމްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ލައްކަ ސާޅީސް އަށް ހާސް މީލް ޕެކް ބިދޭސީންނަށް ފޯރުކޮށްދީފައިވާއިރު، 1700 ހައިޖީން ޕެކް، 1500 އެމިޖަންސީ މީލްޕެކް ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހިމްޔާ ވަނީ މިހާތަނަށް އައިރު 9800 ބިދޭސީންނަށް އެމްއާރްސީން އެކި ގޮތްގޮތުން އެހީވެފައިވާކަން ހާމަކުރައްވާފައެވެ. އެމްއާރްސީއިން ވަނީ ލުއިތައް ދިނުމަށްފަހު މައިގްރެންޓް ސަޕޯޓް ސެންޓަރެއް ޤާއިމުކޮށްގެންވެސް ގިނަ ޚިދުމަތްތަކެއް ބިދޭސީންނަށް ފޯރުކޮށްދީފައެވެ. އެގޮތުން 700 ފަރާތަކަށް ގުޅައިގެން ޚިދުމަތް ފޯރުކޮށްދީފައިވާއިރު، 300 ކޫޕަން އަދި 2600 މީލް ޕެކް ވަނީ ފޯރުކޮށްދީފައެވެ.