ޚަބަރު

ހުޅުލެ-މާލެ ބްރިޖުގެ ޑިޒައިން އިފްތިތާހުކޮށްފި


ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ހުޅުލެއާއި ދެމެދުއަޅާ ބްރިޖްގެ ފައިނަލް ޑިޒައިން މިރޭ ދައްކާލައިފިއެވެ. މާލޭ އިރު ދެކުނު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރިޖްގެ ޑިޒައިން އާއްމުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބާއި، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް މިސް ގައު ޔެންއެވެ. މާލެއާއި ހުޅުލެއާއި ދެމެދު އަޅާ  ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ.  

ފައިނަލް ޑިޒައިން ވީޑިއޯއިން ދައްކުވައިދޭ ގޮތުގައި ބްރިޖްގެ ދެކޮޅަށް ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލަށް ވަކި ލޭން އެއްގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭން އެއް ދައްކުވައިދެއެވެ. އަދި މިވީޑިއޯއިން ބްރިޖްގެ ދަށުން ކަނޑުމަގުން ކާގޯބޯޓްފަހަރުނޫން އުޅަނދުތައްވެސް ދަތުރުކުރެވޭނެތަންވެސް ދައްކުވައިދެއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް އަޙްމަދު އަދީބު ވިދާޅުވީ  ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށެވެ. 

" މި ބްރިޖް ޑިޒައިންކޮށްފައިވަނީ މާލެ ސަރަހައްދުގެ ފެނާއި ކަރަންޓް ހޮޅިތައް ވެސް ގުޅުވާލަދޭ ގޮތަށްކަމަށް. މީހަމައެކަނި ދަތުރު ފަތުރުކުރުމަށް އޮތް ބްރިޖެއް ނޫން. މި ބްރިޖްގެ ސަބަބުން މިސަރަހައްދުގެ ހައުސިން މައްސަލައަށްވެސް ހައްލު ލިބިގެންދާނެ." އަދީބު ވިދާޅުވިއެވެ.  

މި ރަސްމިއްޔާތުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމާސް މިސް ގައު ޔެން ދެއްކެވި ވާހަކަފުޅުގައި މިބްރިޖަކީ ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް އުމްރާނީގޮތުން ކުރެވޭ މިފަދަ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރެއްވއެވެ. 

" މި ބްރިޖުން ރީތިކޮށްދޭނީ ރާއްޖޭގެ މަލަމަތި އެކަންޏެއްނޫން. މާލެ ސަރަހައްދުގެ ޓްރެފިކު މައްސަލައަށްވެސް ހައްލު ލިބިގެންދާނެ. މިއީ، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިޞާދީ ތަރައްގީއަށް ޗައިނާއިން ހުޅުވާލަދޭ ފުރުސަތަކަށް ވާނެ. " މިސް ގައު ޔެން ވިދާޅުވިއެވެ. 

މީގެއިތުރުން، މިބްރިޖަކީ ދެގައުމުގެ ގުޅުމުގެ މިސާލެއްކަމަށާއި، ދެގައުމުގެ ދެމެދުގައި އިތުބާރު ގާއިމްކުރެވިފައިވާކަން ދައްކުވާދޭ ރަމްޒަކަށް ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ބްރިޖްގެ ސާވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ސީސީސީ ހައިވޭ ކޮންސަލްޓެންޓް ކޯ ލިމިޓެޑްގެ ރައީސް ޖަންގ ޖިގާންގ ވިދާޅުވީ، މިފަދަ އުމްރާނީ މަޝްރޫއުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަމަށެވެ. އަދި ޗައިނާއިން 3 މަޝްރޫއެއް މިވަގުތު ރާއްޖޭގައި ކުރިއަށް ގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މާލެ ހުޅުލެ ބްރިޖް މަޝްރޫއަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މީގެތެރެއިން ޗައިނާގެ ހިލޭ އެހީގެ ގޮތުގައި  ސަތޭކަ މިލިއަން ޑޮލަރު ދިނުމަށް ޗައިނާ ސަރުކާރުންވަނީ ނިންމާފައ އަދި ޗައިނާ ސަރުކާރުގެ ލުއި ލޯނުގެ ގޮތުގައި 170 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު، 30 މިލިން ޑޮލަރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވެއެވެ. މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާ، ދެ އަހަރު ދުވަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ނިންމުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.