ޚަބަރު

ޗައިނާއާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގައި ޙާދިޘާއެއް ހިންގާފައިވާކަމަށް އިންޑިޔާއިން ބުނެފި


އިންޑިޔާއާއި ޗައިނާއިން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުކައިރީގައި އޮންނަ އުސް ބިމަކަށް ޗައިނާގެ ފައުޖުތަކުން ވެރިވުމަށް ކުރި މަސައްކަތަށް ހުރަސްއަޅާފައިވާކަމަށް އިންޑިޔާއިން ބުނެފިއެވެ.

އޮގަސްޓު މަހުގެ 29 އަދި 30ވަނަ ދުވަހު ހިންގި ހަމަކަށް ބުނާ ހާދިޘާ ހިންގީ އިންޑިޔާގެ ސަރަޙައްދެއްކަމަށް އެ ޤައުމުން ދަޢުވާކުރާ ޕެންގޮންގޮ ސޯ ކޯރުގެ އައްސޭރީގައިކަމަށް އިންޑިޔާގެ އަސްކަރިއްޔާއިން ބުންޏެވެ. އިންޑިޔާގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އަމާން އަނަންދު ވިދާޅުވީ މިދިޔަ ޖޫން މަހުގައި ލަދާޚްގެ އިރުމަތީ ސަރަޙައްދުގައި އިންޑިއާއާއި ޗައިނާއާ ދެމެދު ހިންގި ކުރިމަތިލުންތަކަށްފަހު އެއްބަސްވެފައިވާގޮތާ ޚިލާފަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ، ޕީއެލްއޭގެ ފައުޖުތައް ބާރުވެރިކަން ދައްކަން މަސައަތްކޮށްފައިވާކަމަށެވެ

ނިއު ދިއްލީއިން ބުނީ އެ ސަރަޙައްދުގައި ޗައިނާގެ އަސްކަރިއްޔާއިން ޙަރަކާތްތެރިވަމުންދާކަން ފާހަގަވުމުން އެ ސަރަޙައްދަށް އިންޑިޔާ ސިފައިން ގޮސްފައިވާކަމަށެވެ. ނަމަވެސް އެ ހާދިޘާގައި ދެ ފަރާތުގެ މެދުގައި ކުރިމަތިލުމެއް ހިނގާފައިނުވާކަން އިންޑިޔާގެ އަސްކަރިއްޔާއިންނާއި ސަރުކާރުންވަނީ ޔަޤީންކޮށްދީފައެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕީއެލްއޭއިން އިންޑިޔާގެ ސަރަޙައްދަށް ވަދެފައިވާކަމަށް ކުރާ ތުހުމަތުތައް ޗައިނާއިންވަނީ ދޮގުކޮށްފައެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ޗޯ ލީޖަން ވިދާޅުވީ ޗައިނާގެ ފައުޖުތަކުން ލައިން އޮފް އެކްޗުއަލް ކޮންޓްރޯލު ހުރަސްނުކުރުމަށް އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދޭކަމަށާއި އިންޑިޔާއިން ތުހުމަތުކޮށްފައިވާ ގޮތަށް އެ ޤައުމުގެ ފައުޖުތަކުން އެއްވެސް އިރެއްގައި ސަރަޙައްދީ ރޮނގު ހުރަސް ނުކުރާކަމަށެވެ. އެ ހާދިޘާއާ ގުޅޭގޮތުން ދެ ފަރާތުންވެސް މުޢާމަލާތުކުރަމުންދާކަމަށާއި ދެ ޤައުމުގެ އަސްކަރީ ވެރިން ސަރަޙައްދީ ރޮނގުގައި ބައްދަލުކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާތާ ގިނަ މަސްތަކެއްވަނީ ވެފައެވެ. އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ސިފައިންގެ ދެމެދުގައި ފަހަކަށް އައިސް ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އެގޮތުން، ގަލްވާން ވާދީ ކައިރީގައި މިދިޔަ ޖޫން މަހުގެ 20ވަނަ ދުވަހު ހިންގި ހަމަނުޖެހުމެއްގައި އިންޑިޔާ ސިފައިންގެ 20 މީހުންވަނީ މަރުވެފައެވެ. އެ ހަމަނުޖެހުމުގައި ޗައިނާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. އެ ކުރިމަތިލުމަށްފަހު ދެ ޤައުމުންވެސްވަނީ ޙާމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފައެވެ.