ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 25 މިލިއަނަށް، ދުނިޔޭގެ ޙާލަތަކީ ކޮބާ؟


ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އަދިވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ދުނިޔޭގެ 188 ޤައުމާއި ސަރަޙައްދުން މިހާތަނަށް 25،390،791 މީހުންނަށް ކޯވިޑް-19 ޖެހި 850،630 މީހުންވަނީ މަރުވެފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 17،709،729 މީހުންނެވެ.

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަސިޓީއިން އެއްކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަހާހަމައަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 25 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 79،457 މީހުންނަށް އިންޑިޔާގައި ކޯވިޑް-19ޖެހި މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންގެ ގޮތުގައި އެ ޤައުމުވަނީ ފާހަގަވެފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެފައިވަނީ ހީނަރުވަމުންދާ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެ ޤައުމުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ލުއިދީފައި ވަނިކޮށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް އިންފުލުއެންޒާ ޖެހިގެން ޙާލު ބޮޑުވާ މީހުންގެ ޢަދަދަށްވުރެ ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ ފަސްގުނަ އިތުރުވެފައެވެ. އެއީ ރަސްމީ ޢަދަދުތައް ކަމުގައިވިޔަސް ހަޤީޤީ ޢަދަދުތައް އެއަށްވުރެ އިތުރުވާނެކަމަށް ޤަބޫލުކުރެވެއެވެ. ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ކުރަމުންދާ ތަހުލީލުތަކުން ބަލިފެތުރިފައިވާ ހަޤީޤީ މިންވަރު ހާމަނުވާކަމަށް ޞިއްޙަތާބެހޭ މާހިރުންވަނީ ވިދާޅުވެފައެވެ.

ބަލި ފެތުރޭ މިންވަރު ދަށަށް ގެންދިޔުމުގައި މީގެ ކުރިން ކާމިޔާބުވެފައިވާކަމަށް ޤަބޫލުކުރެވިފައި އޮތް ނިއު ޒީލެންޑާއި ދެކުނު ކޮރެއާފަދަ ޤައުމުތަކުގައިވެސް ކޯޥިޑް-19 ފެތުރޭ މިންވަރުވަނީ އަނެއްކާވެސް އިތުރުވެފައެވެ. ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަޙައްދުކަމުގައިވާ މެދުތެރޭ އެމެރިކާގައި ބަލި ފެތުރެންފެށި ގޮތަށް ބަލިފެތުރޭ މިންވަރު އަދިވެސް ދަށްކުރެވިފައެއް ނުވެއެވެ. އެ ސަރަޙައްދުގައި އޮންނަ ބުރެޒިލުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ 3.8 މިލިއަން މީހުންނަށް އިތުރުވެ 120،800 މީހުން ބަލީގައި މަރުވެފައެވެ. އެއީ އެންމެ ހަލުވިކޮށް ބަލިފެތުރޭ އެމެރިކާއަށްފަހު އެންމެ ގިނަ މީހުންނަށް ބަލި ޖެހި، އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޢަދަދެވެ. އެމެރިކާގައި 5.96 މިލިއަން މީހުންނަށް ބަލި ޖެހި 182،779 މީހުންވަނީ މަރުވެފައެވެ.

ފަރުވާއެއް އަދި ވެކްސިނެއް ނެތް މި ބަލި ފެތުރުން ހުއްޓުވުމަށް މިވަގުތަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި ޤައުމުތަކާއި ސަރަޙައްދުތައް ފުރަބަންދުކުރުމެވެ.

އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެންފެށި ޗައިނާގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ޤައުމު މިހާރު އޮތީ 36ވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ޤައުމުގެ ގޮތުގައެވެ. މިހާތަނަށް 85،031 މީހުންނަށް ބަލިޖެހިފައިވާ ޗައިނާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިފައިވަނީ އެންމެ ނުވަ މީހުންނަށެވެ. 188 ޤައުމަކަށާއި ސަރަޙައްދަކަށް ކޯވިޑް-19ގެ އަސަރު ފޯރާފައިވާ ނަމަވެސް 12 ޤައުމަކުންނާއި ސަރަޙައްދަކުން ބަލި ފެނިފައިވާކަމަށް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. އެއީ ކިރިބަތި، މާޝަލް އައިލެންޑްސް، މައިކްރޮނީޝިއާ، ނައުތު، އުތުރު ކޮރެއާ، ޕަލާއު، ސަމާއޯ، ސޮލޮމޮން އައިލޭންޑްސް، ޓޮންގާ، ތުރުކެމެނިސްތާނު، ތުވަލު އަދި ވަނުއަތުއެވެ.