ޚަބަރު

ޑިމޮކްރެސީ ހަފްތާ ފާހަގަކުރުމަށް މީޑިއާތަކުން އެއްބަސްވުން


ރާއްޖޭގައި ފުރަތަމަ ފަހަރަށް
ފާހަގަ ކުރާ ޑިމޮކްރަސީ ހަފްތާގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ކަވަރޭޖް އެންމެ
ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް އިލެކްޝަންސް
ކޮމިޝަނާއި ރާއްޖޭގެ ބައެއް މީޑިއާތަކާއި ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. "ޑިމޮކްރަސީ ހަފްތާ" 
ފާހަގަކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ހަތަރަކުން ދިހައަކަށް
ހއ. ހޯރަފުށީގައެވެ.

އޮކްޓޫބަރު މަހުގެ ހަތަރަކުން 10 އަކަށް ފާހަގަ ކުރާ ޑިމޮކްރަސީ ހަފްތާގެ ރަސްމީ ހަރަކާތްތައް ކުރިއަށް ދާނީ ހޯރަފުށީގައެވެ. ޑިމޮކްރަސީ ހަފްތާގެ ހަރަކާތްތައް ހޯރަފުށީގައި ކުރިއަށް ދާ އިރު މާލޭގައި ވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައވެ. އިލެކްޝަންސް ކޮމިޝަނާއި ދިވެހި ބައެއް މީޑިއާތަކާއި ދެމެދު ސޮއިކުރި މިއެއްބަސްވުމަކީ، ޑިމޮކްރަސީ ހަފްތާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ޑިމޮކްރަސީއާއި ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޕީއެސްއެމްގެ ޗެނަލްތަކުން ކަވަރޭޖް ގެނެސްދިނުމުގެ އިތުރުން އަމިއްލަ މީޑިއާތަކަށްވެސް ހިލޭ ފީޑް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. ޚަލީލް ވިދާޅުވީ، ކޮންމެ ބްރޯޑްކާސްޓަރަކަށް  ވަގުތުން ވަގުތައް އެމައުލޫމާތު ގެނެސްދިނުމަށް ދަތިވެދާނެކަމަށާއި، އެހެންކަމުން އިތުރު ފުރުސަތެއްގެ ދަށުން ދުރާލާ ބުކިން ހައްދާފަރާތްތަކަށް ސެޓްލައިޓް މެދުވެރިކޮށް އެފަރާތްތަކުން ބޭނުންވާ ޕްރޮގްރާމް ގެނެސްދިނުމުގައި ބޭނުންވާ ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ. 

 މީގެ އިތުރުން ޑިމޮކްރަސީ ވެލިއުސް ޕްރޮމޯޓްކޮށް ވޯޓުލުމުގެ ހައްގުތަކާއި އެނޫންވެސް އިލެކްޝަނާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމާއި، ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ދެމެދު މަޝްވަރާކުރަމުން އަންނަކަމަށާއި، ކައިރި މުސްތަކުބަލެއްގައި އެފަދަ ޕްރޮގްރާމްތައް ދާއިމީކޮށް ގެނެސްދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ޚަލީލް ވިދާޅުވިއެވެ.



އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނު ދެއްކެވިވާހަކަފުޅުގައި،މީ ޑިމޮކްރަސީގެ މައުލޫމާތު ޢާންމުންނަށް ގެނެސްދިނުމަށް ލިބުނު އިތުބާރެއްކަމަށް ވިދާޅުވިއެވެ. ޑިމޮކްރަސީގެ ފުރިހަމަމައުލޫމާތު އާންމުންނަށްގެނެސްދިނުމުގައި މީޑިއާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން  މީޑިއާތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން ސަންގުޓީވީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ، މިފަދަ ބޮޑެތި ކަވަރޭޖްތައް ގެނެސްދިނުމުގައި އަމިއްލަ މީޑިއާތަކަށް ދަތިތަކެއް ހުންނާނެކަމަށާއި، ނަމަވެސް މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޑިމޮކްރަސީ ހަފްތާގައި ކުރިއަށް ގެންދާ ހަރަކާތްތައް އެއްވެސް ދައްޗެއްނެތި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.





 އޮކްޓޯބަރު މަހު ފާހަގަކުރާ މި ހަފްތާގައި އެ ކޮމިޝަނުގެ އާ ލޯގޯ އާއި ކޮމިޝނަނުން ބޭނުން ކުރާ ކުލަ އިފްތިތާހުކުރުމާއި،  އަލަށް ފާހަގަކުރަން ފަށާ ވޯޓުލާ މީހުންގެ ދުވަހާއި އިލެކްޝަންސް ކޮމިޝަނުގެ އަހަރީ ދުވަސް އިއުލާނުކުރުވެސް ކުރިއަށް ދާނެކަމަށް އެކޮމިޝަނުން މައުލޫމާތުދޭ. މިއަހަރު ޑިމޮކްރަސީދުުވަސް ފާހަގަކުރަނީ ހއ. ހޯރަފުށީގައެވެ. ޑިމޮކްރަސީ ހަފްތާގައި ކުރިއަށްދާ ހަރަކާތްތަކުގެ ކަވަރޭޖް ގެނެސްދިނުމަށް ސޮއިކުރި މީޑިއާތަކަކީ، ޕީއެސްއެމްގެ އިތުރުން ދުވަހު ނޫސް ހަވީރާއި، ދިޓީވީ، ވީމީޑިއާ،ޗެނަލް ނިއުސް މޯލްޑިވްސް ސީއެންއެމް، ޗެނަލް ތާރޓީން ސަންގު ޓީވީ އަދި ވާނުވާ އޮންލައިނެވެ.