ދުނިޔޭގެ ވިޔަފާރި

ބޮއިންގ 737 މެކްސްގެ ދަތުރުތައް އަލުން ފަށަން ތައްޔާރުވަނީ


މައްސަލަތަކެއް ކުރިމަތިވެގެން އުދުހުން މަނާކޮށްފައިވާ ބޮއިންގ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތަކުގެ އުދުހުން އަލުން ފެށުމުގެ މަސައްކަތް ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާބެހޭ އެޖެންސީން މިހާރު ދަނީ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް އަލުން އުދުހުން ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓްތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާބެހޭ އެޖެންސީން މައުލޫމާތުދޭ ގޮތުގައި ޓެސްޓް ފްލައިޓްތައް އޮންނާނީ އަންނަމަހުގެ 7 ވަނަ ދުވަހު ކެނެޑާގެ ވެންކޫވާގައެވެ.

ބޮއިންގ ކުންފުނީގެ އެންމެ ކާމިޔާބު މަތިންދާބޯޓުގެ ގޮތުގައި ފާހަގަވެފައިވާ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އަލުން އުދުހެން ތައްޔާރުވަމުންދާއިރު، އެމެރިކާގެ ކަމާބެހޭ އިދާރާތަކުންވެސް ވަނީ މީގެ ދެމަހެއްހާ ކުރިން އެމަރުކައިގެ ބޯޓުތަކުގެ ޓެސްޓް ދަތުރުތައް ފަށާފައެވެ.

ޚަބަރުތައް ބުނާގޮތުން ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް އުދުހުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންއިން ދޭނީ، ބޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުއެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން އެމަސައްކަތަށް ލަސްތަކެއް ކުރިމަތިވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

ބޮއިންގ ކުންފުނިން ބުނާގޮތުން ޓެސްޓް ދަތުރުތަކަށްފަހު އަންނަ އަހަރު ކުރީކޮޅު ސެވަން ތްރީ ސެވަން މެކްސްގެ ދަތުރުތައް ފެށޭނެއެވެ.

ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާލާފައިވަނީ ލަޔަން އެއަރ އަދި އިތިއޯޕިއަން އެއަރގެ ދެ ބޯޓެއް ވެއްޓި، 346 މީހަކު މަރުވި ހާދިސާއަކާ ގުޅިގެނެވެ. މައްސަލަ ތަހްޤީޤްކުރި ފަރާތްތަކުން ބުނާގޮތުން މަތިންދާބޯޓުތައް ވެއްޓެން މެދުވެރިވީ ބޯޓުގައި ހިމެނޭ ފްލައިޓް ކޮންޓްރޯލް ސިސްޓަމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންކަމަށެވެ. އެމައްސަލަތައް ހައްލުކުރުމަށް ބޮއިން ކުންފުނިން ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ.