ޚަބަރު

ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ބޯޑަރ ޕީ.ސީ.އާރު" ތަޢާރަފްކުރަނީ


ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކީ ކޯވިޑް-19ގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަ މީހަކަށް ހެދުމަށް އުޞޫލަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭ ގޮތަށް އުޞޫލް ބަދަލުކުރުމަށް އެޗްޕީއޭއަކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި މުސްތަޤްބަލުގައި އެކަން އެގޮތަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތަށް އުޞޫލަށް ބަދަލުގެނައުމަށް ނިންމާފައިވަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރި ތަނެއްގެ ގޮތުގައި ފަތުރުވެރިންނަށް ސިފަކުރެވޭނެކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ދަތުރުކުރުމަށް ފަހި ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމަކަށް ރާއްޖެވުމަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޯޑަރ ޕީސީއާރު ތަޢާރަފް ކުރާނަން. ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްތެއް އޮވެއްޖެނަމަ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިޔުމަކީ އެކަށީގެން ވާކަމެއް. ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން އަންނަ ގޮތަށް އުސޫލު ބަދަލުކުރުމަށް ނިންމާފައިވާއިރު އެއަޕޯޓްތަކުން އަންނަނީ ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށް ފަތުރުވެރިން ސްކްރީން ކުރަމުންނެވެ. އަދި މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ހޮސްޕިޓަލެއްގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 2 ހޮސްޕިޓަލަކާއި ފުލުހުންގެ ލެބޯޓަރީއާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ކޯވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.