ޚަބަރު

ބިމުން މައްޗަށް މާބޮޑަށް މޫފެތުރޭ ގަސްގަހާގެހި ހުޅުމާލޭގައި ނުއިންްދުމަށް އެޗްޑީސީން އިލްތިމާސްކޮށްފި


ބިމުންމައްޗަށް މާބޮޑަށް މޫ ފެތުރޭ ޒާތުގެ ގަސްގަހާގެހި ހުޅުމާލޭގެ މަގުތަކުގައި ނުއިންދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އިން އިލްތިމާސްކުރައްވައިފިއެވެ. އެކުންފުނިން މިގޮތަށް އިލްތިމާސްކުރެއްވީ އާއްމުންގެ ބައެއް މީހުންވެސް ހުޅުމާލޭގެ މަގުތަކުގައި ގަސް ހައްދަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ނަޞޭޙަތްތެރިވުމުގެގޮތުންނެވެ. އަދި އޭގެ ސަބަބުން މަގުތަކާއި ގޭގެއަށް ގެއްލުންވަމުންދާތީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އިންދާފައިހުރި ބައެއް ފިތުރޯނު ގަސްތަށް ނެގުމާއި، އެގަސްގަހުގެ މޫތައް ކޮނެގެން ނެގުމުގެ މަސައްކަތް އެޗްޑީސީންވަނީ ފަށާފައެވެ.

ހުޅުމާލޭގެ މަލަމަތި އެންމެ ބޮޑަށް ސިފަކޮށްދެނީ ހުޅުމާލޭގެ ބޭރު މަގުތަކުގައި ހައްދާފައިވާ ބޯޑެތި ފިތުރޯނު ގަސްތަކުންނެވެ. ހިޔާ ލިބޭ ބޮޑެތި މި ގަސްތަށް ހުޅުމާލޭގައި ހައްދަން ފަށާފައިވަނީ މިގެ ބާރަ ވަރަކަށް އަހަރު ކުރިންނެވެ. އަވަހަށް ބިޔަކޮށް ހެދޭ މިގަސްތަކުގެ ހިޔާ ލިބުމުގެ އިތުރުރަށް، މި ގަސްތަކުން ހުޅުމާލޭގެ މަގުތަށް އިތުރަށް ފުރިހަމަކޮށްދީ ރީތިކޮށްދެއެވެ.

ނަމަވެސް ގަސްތަށް ބިޔަކޮށް ހެދި، މޫތަށް މަގުތަކުގެ ތާރުގަނޑުގެ އަޑިން މަގުތަކަށް ފެތުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބެން ފަށާފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެޗްޑީސީގެ މޭނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މިހާރުވެސް މޫތަށް ފެތުރުމުގެ ސަބަބުން މަގުތަކުގެ ތާރު ތަކުގައި ރެންދުލައި، ބައެއް ސަރަޙައްދުގެ ތާރުތަށް އުފުލެއް ފަށާފައިވާކަމަށެވެ.

މިގޮތަށް ބޮޑަށް އަސަރުކޮށްފައިވާ ސަރަޙައްދުތަކުގެ ބައެއް ގަސްތަށް މިހާރުވަނީ ނަގާފައެވެ. ސުހައިލް ވިދާޅުވި މަސައްކަތްކުރަނީ މޫތައް ކޮށައިގެން މައްސަލަ ޙައްލުކުރެވެންހުރި ސަރަޙައްދުތަކުގައި އެގޮތަށް މަސައްކަތްކުރުމަށްކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ހުޅުމާލޭގެ ރީތިކަން ނުގެއްލޭގޮތަށް، އަދި ތިމާވެއްޓަށްވެސް އޭގެ އަސަރު ވީހާވެސް ކުޑަވާނެގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލޭފައި އޭރު ފިތުރޯނުގަސްތަށް ހައްދަން ފަށާފައިވަނީ، އެރަށް ހިތްކުމަށްފަހު ހިއްކި ބިމުގެ ވެލިގަނޑު ހިފެހެއްޓުމުގެގޮތުންނެވެ.

"އާއްމުން ދިރިއުޅުމަށް އަޅާ ގެތަށް ހުރި ސަރަޙައްދުގައި ހުރި ބައެއް ގަސްތަށް ނަގަން ޖެހޭނީ. ފިތުރޯނު ގަހުގެ ފަތް އެޅި ފެން ހިންދާ ނިޒާމްތަށް ބަންދުވެ، ގޭގެއަށް ފެންވަދެ ފެބޮޑުވުމުގެ ޙާދިސާތަށްވެސް ހިނގާ. ފިތުރޯނު ގަސް ނެގިނަމަވެސް، އެގަސްތަށް ހުރި ތަންތާންގައި އިތުރު އެހެން ބާވަތުގެ ގަސް އިންދާނަން." ސުޙައިލް ވިދާޅުވިއެވެ.

ހުޅުމާލޭގައި އެންމެ ބިޔަކޮށް ފިތުރޯނު ހެދުފައިވަނީ ހުޅުމާލޭ ފެރީ ޓަރމިނަލް ސަރަޙައްދުގައެވެ. އަދި ބޭރުމަގުގެ ބައެއް ސަރަޙާއްދާއި އާއްމުން ދިރިއުޅޭ ސަރަޙައްދުތަކުގައިވެސް ފިތުރޯނު ހައްދާފައިވެއެވެ. ސުހައިލް ވިދާޅުވީ ކުރިއަށް އޮތްތާންގައި މަގުތަކުގައި ގަސް ހައްދާއިރު، މާބޮޑަށް ފެތުރިގެން ނުދާ ގަސްތަށް ހެއްދުމަށް އިސްކަންދޭނެކަމަށެވެ.

އާއްމު ބައެއް ފަރާތްތަކުންވެސް ބޮޑަށް މޫ ފެތުރޭ ގަސްތަށް ހެއްދުމުގެ ސަބަބުން ފެންހިދާ ނިޒާމުތަކުގެ މައްސަލަ ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާކަމަށް އެޗްޑީސީންވަނީ ވިދާޅުވެފައެވެ. މިގޮތަށް އެކަން ނުކުރުމަށް އެޗްޑީސީންވަނީ އިލްތިމާސްކުރައްވާފައެވެ.