ޚަބަރު

ހުޅުމާލޭގެ މަގުތަކުގައި ހުރި ބައެއް ފިތުރޯނު ގަސްތައް ކަނޑާލަނީ


ހުޅުމާލެ މަގުތަކުގައި ކުރިން އިންދި ފިތުރޯނުގަސްތައް ބިޔަވެ މަގުތަކަށް ގެއްލުންވާތީ ބައެއް ގަސްތައް ކަނޑާލުމަށް އެޗްޑީސީން ނިންމައިފިއެވެ.

މީގެ ކުރިންވެސް އެޗްޑީސީން ވަނީ، ހުޅުމާލެ ނިރޮޅުމަގުގައި ބިޔަކޮށް ހެދިފައ ހުރި ބައެއް ގަސްތައް ކަނޑާލާފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ބައެއް ގަސްތައް ކަނޑާލުމަށް ނިންމާފައި ވަނީ، އެގަސްތައް މާބޮޑަށް ބިޔަވެ މަގުތަކަށް ގެއްލުންތައްވަމުން ދާތީކަމަށެވެ.

އެޗްޑީސީ ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހަފްތާއިން ފެށިގެން ގަސްތައް ކަނޑާލަން ފަށާނެއެވެ. އަދި ކަނޑާލާ ގަސްތަކުގެ ބަދަލުގައި ހިޔާދޭ ބާވަތްތަކުގެ އެހެން ގަސްތައް އިންދާނެ ކަމުގައިވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

އެޗްޑީސީން ބުނީ، ފިތުރޯނުގަސްތައް ބިޔަވުމުގެ ސަބަބުން، ޔުޓިލިޓީ ޚިދުމަތް ދިނުމަށް ބިމުގެއަޑިން އަޅާފައިވާ ހޮޅިތަކާއި ކަރަންޓް ކޭބަލްތަކަށް ގެއްލުން ލިބުމުގެ އިތުރުން، މަގުތަކުން ފެންހިންދުމަށް ޤާއިމްކޮށްފައިވާ ނިޒާމަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ގަސްތަކުގެ މޫތަށް ފެތުރި މަގުގެ ތާރުހަލާކުވެ، ދުއްވާއެއްޗިއްސަށާއި މީހުންނަށްވެސް ވަނީ ނުރައްކާ ބޮޑުވެފައެވެ.

1996 ވަނަ އަހަރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމަށް ފަހުގައި އެރަށުގައި ގިނަ އަދަދަކަށް ފިޠުރޯނުގަސްތައް އިންދާފައިވެއެވެ. އެގަސްތައް އިންދާފައި، ފަސްގަނޑު ގިރާލިޔަނުދިނުމަށް ހޭޅިފަށުގަޔާއި ގަދަވައިން ރައްކާތެރިކަން ހޯދުމަށެވެ.

ހުޅުމާލޭގައި އެންމެ ބިޔަކޮށް މިހާޜު ފިޠުރޯނު ގަސްތައް ހުރީ، ހުޅުމާލެ ފެރީޓާމިނަލް ސަރަހައްދު ބޭރު މަގުގައެވެ،

ފިތުރޯނުގަސްތަކުގެ އިތުރުން ދެން ހުޅުމާލޭގެ މަގުތަކުގައި އެންމެ ގިނައިން ހަދާފައި ވަނީ ދަނބުގަސްތަކެވެ،