ޚަބަރު

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ވަގުތީ ބޯހިޔާވަހިކަމަށް އެދިފައި ނުވޭ: އެންޑީއެމްއޭ


ރޭ މާލޭގައި ހިނގާދިޔަ އަލިފާނުގެ ބޮޑު ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް އާއިލާއަކުން ވަގުތީ ބޯހިޔާވަހިކަމަށް އެދިފައި ނުވާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީން ވިދާޅުވީ. ރޭ ހެންވޭރުގެ ދެއިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެކަމަށް އިޖާބަދިނުމުގެ ގޮތުން ވަގުތުން އެ އޮތޯރިޓީގެ މަސައްކަތްތައް ފެށިކަމަށެވެ.

މިގޮތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް، ކަލާފާނު ސްކޫލު ޚާއްސަކޮށް އެސްކޫލުގައި މީހުންނަށް ތިބެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށްވެސް އެއްވެސް ފަރާތަކުން ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވެގެން އައިސްފައި ނުވާކަމުގައި އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެއޮތޯރިޓީން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއޮތޯރިޓީއަށް އަދި ހިއްސާކޮށްފައި ނުވާކަމަށާއި، ގެެއްލުންތަކުގެ މައުލޫމާތު ހޯދުމަށް އެއޮތޯރިޓީން މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ރޭގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެސަރަހައްދުގެ އިމާރާތްތަކުން މީހުންވަނީ ހުސްކޮށްފައެވެ. އަދި އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލައި މޮނިޓަރ ކުރުމަށް ފަހުގައި، ބައެއް އިމާރާތްކަށް މީހުން ވަނުމަށް އެމްއެންޑީއެފުން މިހާރު ވަނީ ހުއްދަ ދީފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އިމާރާތްތަކުގެ ހާލަތު ބަލައި ވަޒަން ކުރުމަށް ފަހުގައި މެނުވީ އެއްވެސް ފަރާތެއް އަލުން އިމާރާތަށް ވަދެ ދިރިއުޅެންފެށުމުގެ ހުއްދަ ނުދެވޭނެކަމަށެވެ.

ރޭގައި ހިނގި އަލިފާނުގެ މިބޮޑު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރޭގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ، ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުންނަ ކެފޭ ޓިއޯލޯގައެވެ. 9:45 ހާއިރު ރޯވި އެއަލިފާންގަނޑު ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ޖެހިގެން ހުރި ގަދަގޭ މުޙައްމަދުފުޅު ބިލްޑިންގއަށް ފެތުރިފައެވެ. އަދި އެއިމާރާތުގެ ބޭރުގައި ޖަހާފައިހުރި ކްލެޑިންތަކުގައި ރޯވުމާއި އެކު، 10 ބުރީގެ އެއިމާރާތުގެ އެންމެ މަތީގައި ހަދާފައިވާ ޕެންޓްހައުސްގައި ވަނީ ރޯވެފައެވެ.

ގަދަގޭ މުޙައްމަދުފުޅު ބިލްޑިންގގައި އުރީދޫ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާވެސް ހިންގަމުން އަންނައިރު، ސްޓޭޓްބޭންކް އޮފް އިންޑިއާއިން ބޭނުން ކުރަމުން އައި 8 ވަނަ ފުލޯ އާއި ޕެންޓްހައުސް ހަދާފައިވާ 9 ވަނަ ފުލޯ އާއި 10 ވަނަ ފުލޯ ވަނީ އަނދާފައެވެ. އަދި ކެފޭ ތިއޯލޯގެ އިމާރާތް އެކުގައި އަނދާހުލިވިއިރު، އެތަނާއި ޖެހިގެން ހުރި، ބޭރުފައިސާ މާރުކޮށްދޭ ތަނެއްވެސް ވަނީ އަނދާފައެވެ.

ރޭ ކެފޭ ތިއޮލޯގައި ރޯވި ހާދިސާގައި އަލިފާން ނިވާލެވިފައި ވަނީ، 2 ގަޑިއެއްހާއިރު ފަހުންނެވެ. އަލިފާން ނިވާލުމުގެ މަސައްކަތަށް އެއްމެ ބޮޑު ހުރަހަކަށްވީ 10 ބުރިއަށްހުރި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގެ އެންމެ މަތީ ތިންފްލޯގައި ރޯވި އަލިފާން ނިވާލުމަށް ފަޔަމަނުންނަށް އެހިސާބަށް އެރުމަށް ދަތިތަކާއި ދިމާވުމުންނެވެ.

ކެފޭ ތިއޯލޯ އާއި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ރޯވި އަލިފާން ނިވާލާފައި ވަނީ، އެ،މްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް އާއި އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސްއިން ގުޅިގެން ކުރި މަސައްކަތުންނެވެ.

އަލިފާނުގެ މިހާދިސާ އާއި ގުޅީގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙާއި ރައީސުލްޖުމުހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބުދުﷲ ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި ހާލަތު ބައްލަވާލައްވާފައެވެ.