ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ކުންފުނިތަކުން އެހެން ޤައުމުތަކުގައި ވަޒީފާގެ ފުރުޞަތު އުފައްދާނަމަ ފިޔަވަޅު އަޅާނަން- ޓްރަމްޕް


އެމެރިކާގެ ކުންފުނިތަކުން އެހެން ޤައުމުތަކުގައި ވަޒީފާގެ ފުރުޞަތުތައް އުފައްދާނަމަ، އެކުންފުނިތަކާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ޤަބޫލުފުޅުކުރައްވާ ދެއްވި ތަޤްރީރުގައި އޭނާ ވިދާޅުވީ، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ އެމެރިކާ ދޫކޮށް އެހެން ޤައުމުތަކުގައި އިންވެސްޓްކޮށް، ވަޒީފާތައް އުފައްދާ އެމެރިކާގެ ކުންފުނިތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ. އެގޮތުން އެފަދަ ކުންފުނިތަކާމެދު ބޮޑެތި ޓެރިފް ނުވަތަ ޓެކްސްގެ ފިޔަވަޅުތައް އަޅުއްވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި އެމެރިކާގެ ކުންފުނިތަކާއި އެމެރިކާގެ ވަޒީފާތައް، އެމެރިކާއިން ބޭރުވިޔަ ނުދޭނެކަން ޔަޤީންކުރައްވާނެކަމަށެވެ. އަދި މިހާރުވެސް މަސައްކަތްކުރައްވަނީ އެ އުސޫލުންކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެނާއާ ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންގެ ވެރިކަމެއްގައި ޗައިނާގެ މަސްލަހަތު އިސްކުރައްވާނެކަމަށް ތުހުމަތުކޮށްފައެވެ. އަދި ބައިޑަންއަކީ ޗައިނާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ޤާބިލްކަން ލިބިފައިވާ ކެނޑިޑޭޓެއް ނޫންކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ބައިޑަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ޓްރަމްޕް ވަނީ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން ޤައުމުން ބޭރުގައި ތަކެތި އުފައްދާ ކުންފުނިތަކަށްވެސް ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު މިދިޔަ މޭމަހު ދެއްވާފައެވެ. އަދި މިދިޔަ ހަފްތާގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ޓްރަމްޕް ވަނީ އެމެރިކާއަށް ވަޒީފާގެ ފުރުޞަތުތައް ގެނެސްދޭ ކުންފުނިތަކަށް ޓެކްސްގައި ލުއިތަކެއް ދޭނެކަން ހާމަކޮށްފައެވެ. އަދި އެއާ ދެކޮޅަށް މަސައްކަތްކުރާ ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކުރާނެކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.