ރޭ ނިޔާވި އުމުރުން 21 އަހަރުގެ ޒުވާނަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމުގައި ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޒުވާނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ، ރާއްޖާގައި މިހާރު މަރުވާ ހުރިހާ މީހުންގެ ސާމްޕަލްވެސް ކޯވިޑް-19އަށް ޓެސްޓު ކުރަމުންދާތީ، އެގޮތަށް ޓެސްޓްކުރި އިރުގައެވެ. އެހެންނަމަވެސް މިއީ ކޯވިޑް-19ގެ މަރެއްގެ ގޮތުގައި ނުގުނާނެ ކަމުގައި އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް19 ޖެހިގެން 28 މީހުން މަރުވެފައި ވާއިރު، މީގެ ކުރިންވެސް އެހެން ބަލިތަކުގައި މަރުވި މީހުން ޓެސްޓްކުރި އިރު ކޯވިޑަސް ޕޮޒިޓިވްވި ނަމަވެސް އެއީ ކޯވިޑް-19ގެ މަރުތަކެއްގެ ގޮތުގައެއް ކަނޑައެއް ނާޅައެެވެ.
ފުލުހުންގެ އިދާރާއިންވެސް ވިދާޅުވެފައި ވަނީ، ރޭ 11:32 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 21 އަހަރުގެ އަންހެނަކު އެހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށެވެ. އެމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރޭ ނިޔާވި ޒުވާނާއަކީ އުރީދޫ މޯލްޑިވުސްގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. އެޒުވާނާގެ އާއިލާއަށް އެކުންފުނިން ވަނީ ތައުޒިޔާ ފޮނުވާފައެވެ.
ނިޔާވި ޒުވާނާއަކީ، 2019 އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުރީދޫ މޯލްޑިވުސްގެ އެއާޕޯޓް ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ.
ނިޔާވި ޒުވާނާގެ ހަށިގަނޑު މިއަދުގެ ހެނދުނު ވަނީ، ހުޅުމާލެ ސަހަރާގައި ވަޅުލާފައެވެ.