ޚަބަރު

ތަޖުރިބާކާރު ކުޅުންތެރިން ހިމަނައިގެން ގައުމީ ޓީމު އެކުލަވާލައިފި


  • ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 31 ގައި

  • ގައުމީ ޓީމުގެ ހެޑް ކޯޗަކީ އިސްތަވާން އުރުބާނީ

ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ޓިމޯ ލެސްޓޭ މެޗަށް ޤައުމީ ޓީމު އެކުލަވާލާ ފަރިތަކުރުންތައް ފަށައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ މެޗަށް އެކުލަވާލާފައިވާ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް އިއުލާނުކޮށްފައެވެ.

ރާއްޖޭން ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 31 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. އެ މެޗަށް ރާއްޖޭގެ ގައުމީ ޓީމު ފަރިތަކުރަމުން އަންންނަނީ އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ހެންވޭރު ބޯޅަ ދަނޑުގައެވެ.

ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލާފައިވާ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނާފައިވާ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި، ކުރިން ގައުމީ ޓީމަށް ކުޅުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ އަހުމަދު އައިހަމް އާއި، އޮޑި ސްޕޯޓްސް ކުލަބުގެ އިބްރާހިމް ވަހީދު (އިއްބެ) ހިމެނެއެވެ. މީގެ އިތުރުން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު އާއި އަލީ ސާމިސް ހިމެނެއެވެ.

އަދި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފުޓްސަލް ތަރި، ކުލަބު އީގަލްސްގެ އަލީ ހާފިޒު (ހާއްޕެ) ވެސް މި ސްކޮޑްގައިވަނީ ހިމަނާފައެވެ. މީގެ އިތުރުން ބުރު ސްޕޯޓްސް ކުލަބުގެ އަހުމަދު އަބުދުﷲ (ލިލީ)، ކުލަބު އީގަލްސްގެ މުހައްމަދު އަޝްވާން، ވަނީ ހިމަނާފައެވެ. އަދި ނިއުރޭޑިއަންޓުގެ މުހައްމަދު އިރުފާނާއި މުހައްމަދު ނިޒާމްވެސް ވަނީ ސްކޮޑްގައި ހިމަނާފައެވެ.

މިއީ ގިނަ ދުވަސްތަކަކަށް ފަހު ގިނަ ކުލަބުތަކެއް ހިމެނޭހެން ގައުމީ ސްކޮޑް އެކުލަވާލި ފުރަތަމަ ފަހަރެވެ. އެގޮތުން ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ހިމެނެނީ ބުރުގެ ދެ ކުޅުންތެރިންނާއި، އީގަލްސްގެ 3 ކުޅުންތެރިންނާއި، މާޒިޔާގެ 8 ކުޅުންތެރިންނާއި، ނިއުރޭޑިއަންޓުގެ 5 ކުޅުންތެރިންނާއި، އޮޑީގެ 5 ކުޅުންތެރިންނާއި ވިކްޓްރީގެ 3 ކުޅުންތެރިންނެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ކުޅުނު އަވޭ މެޗު ކުޅެފައިވަނީ މިދިޔަ އަހަރު ޖޫން 10 ގައި އޮސްޓްރޭލިއާގައެވެ. އެމެޗުން ޓިމޯ ލެސްޓޭ ވަނީ 2-0 ން މޮޅުވެފައެވެ. ދެން އޮންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ އެންމެ ފަހު މެޗެވެ.