ޚަބަރު

އޭޝިއަން ބީޗް ގޭމްސްއަށްދާ އެތުލެޓިކްސް ޓީމު ކަނޑައަޅައިފި


  • މި މުބާރާތް އޮންނާނީ 23-26 އޭޕްރީލް އަށް ޗައިނާގެ ސަންޔާގައި

  • ވާދަކުރާނީ 60 މީޓަރު ރޭހާއި 4 ގުނަ 60 މީޓަރު ރިލޭގައި

ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލެޓިކްސް ޓީމު ކަނޑައަޅައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ރާއްޖެއިން މި މުބާރާތުގައި ވާދަކުރާނީ ހަސަން ސާއިދު، ހައްވާ މުޒްނާ ފާއިޒު، އަހުނާ ނިޒާރު، އައިޝަތު ޝަބާ ސަލީމު އަދި ޝުއާ އަހުމަދު ރިޝްފާނެވެ.މި އެތުލީޓުން ވާދަކުރާނީ 60 މީޓަރު ރޭހާއި 4 ގުނަ 60 މީޓަރު ރިލޭގައެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ 23-26 އޭޕްރީލް އަށް ޗައިނާގެ ސަންޔާގައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން ބުނީ މިއަހަރު ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް، ސްވިމިން، ހޭންޑްބޯޅަ، އަދި ވޮލީބޯޅައިގައި ކަމަށެވެ. އެމްއޯސީން ބުނީ ރާއްޖޭގެ ޓީމުތަކުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ތައްޔާރުވަމުން ކަމަށެވެ.

އެންމެ ފަހުން ރާއްޖެއިން ބައިވެރިވީ 5 ވަނަ އޭޝިއަން ބީޗް ގޭމްސްގައެވެ. އެ މުބާރާތް ބޭއްވީ 2016 ވަނަ އަހަރު ވިއެޓްނާމުގެ ދަނަންގައެވެ. 6 ވަނަ އޭޝިއަން ބީޗް ގޭމްސްއަކީ 2020 ވަނަ އަހަރު ބޭއްވުމަށް މަސައްކަތް ކުރި މުބާރާތެކެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ އަހަރު ބޭއްވޭ ގޮތް ނުވީއެވެ.

އޭޝިއަން ބީޗް ގޭމްސްއަކީ ކޮންމެ ދެ އަހަރުން އެއް އަހަރު އޭޝިއާ އޮލިމްޕިކް ކޮމިޓީގެ މެންބަރު 45 ގައުމުގެ އެތުލީޓުންގެ މެދުގައި ބާއްވާ އެކި ކުޅިވަރުތައް ހިމެނޭ މުބާރާތެކެވެ. އޯސީއޭއިން ބުނާ ގޮތުގައި މިއީ އޭޝިއަން ގޭމްސްއަށްފަހު ގިނަ ކުޅިވަރުތައް ބައިވެރިކޮށްގެން ބާއްވާ މިފަދަ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.