ސިއްހަތު

މިހާތަނަށް 1500 އެއްހާކުދިން ހެލްތްސްކުރީންކުރެވިއްޖެ


ހެލްތް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ފުރާވަރު އުމުރު ކުދިންނަށް ހިންގާ މެޑިކަލް ހެލްތް ސްކްރީންގ ޕްރޮގްރާމްގައި މިހާތަނަށް 1500 އެއްހާ ކުދިން ހެލްތް ސްކުރީން ކުރެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. ޕީ.އެސް.އެމްއަށް މައުލޫމަތުދެއްވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ  ސީނިއަރ މެޑިކަލް އޮފިޝަރ ޑރ ރަޒަނާ ފާއިޒް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހިމެނޭގޮތަށް ޖުމުލަ 13 ސްކޫލެއްގައި ހެލްތް ސްކުރީން ކުރެވިފައިވާކަމަށެވެ. އަދި ހދ އަތޮޅާއި ތ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުން ވެސް ހެލްތް ސްކުރީން ކުރެވިފައިވަކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ.މިހާރު އަތޮޅުތަކުގެ މި ޕްރޮގްރާމް ކުރިޔަށްދާކަމަށާއި ސްކޫލްތައް ބަންދު ވުމުގެ ކުރިން ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ނިންމަލެވޭ ވަރުވާނެކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ.ހެލްތް ސްކުރީން މިހާތަނަށް ކުރިޔަށް ގެންދިޔަ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ގިނައިން ފާހަގަ ކުރެވިފައިވަނީ ދަތާއި ހިރުގަނޑުގެ މައްސަލަކަމަށް ޑރ ރަޒާނާ ފާހަގަ ކުރެއްވިއެެވެ. އަދި ބަރުދަން ހުންނަން ޖެހޭވަރަށް ވުރެއް އިތުރުވުމާއި ދައްވުމުގެ މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވާކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަފްސާނީ މައްސަލަތަކާއި ސިއްހީ އެހެނިހެން މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވާކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ. ހެލްތް ސްކުރީން ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ގްރޭޑް ހަތެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.