ކުޅިވަރު

ތިއާގޯ ސިލްވާ ޗެލްސީއަށް


ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ސިލްވާ ޗެލްސީއަށް ބަދަލުވެފައިވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. ސިލްވާ ޗެލްސީއަށް ބަދަލުވިކަން އެ ކްލަބުންވެސް ވަނީ މިހާރު ކަށަވަރުކޮށްދީފައެވެ.

އުމުރުން 35 އަހަރުގެ ސިލްވާ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ސިލްވާ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ބަދަލުވި ހަވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޗެލްސީން ވަނީ ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކްގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާގެ ސޮއި ހޯދާފައެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިލްވާ އަކީ މި ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށެވެ. މި ބަޔާނުގައި ޗެލްސީން އިތުރަށް ބުނީ ތިއާގޯ ސިލްވާ އަކީ މަތީ ފެންވަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރެއް ކަމަށެވެ. އަދި ޗެލްސީއާއެކު ސިލްވާ އިތުރު ކާމިޔާބީތައް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސިލްވާ ވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި 8 އަހަރު ހޭދަކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސިލްވާ ވަނީ އެޓީމަށް 315 މެޗު ކުޅެދީފައެވެ.
މީގެ އިތުރުން ސިލްވާ ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު 7 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބްރެޒިލްގެ ގައުމީ ޓިމާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.