ދުނިޔެ

އޮސްޓްރިއާ ހުރަސްކޮށް ޖަރުމަނަށް ދާ ސޫރިޔާ ރެފިއުޖީން އިތުރުވަނީ

އޮސްޓްރިޔާ ހުރަސްކޮށް
ޖަރުމަނުވިލާތަށް ވަންނަމުންދާ ސޫރިޔާގެ ރެފިއުޖީންގެ ޢަދަދު ދުވަހެއް ދުވަހަކަށް
އިތުރުވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.



އޮސްޓްރިޔާގެ ފުލުހުން
ބުނާގޮތުގައި ހަންގެރީ ހުރަސްކޮށް އެގައުމަށް އެތެރެވަމުންދާ ރެފިއުޖީންގެ
ތެރެއިން 6500 މީހުން ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައިވަނީ
ރޭލާއި ބަސްތަކުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް ޖަރުމަނުވިލާތަށްގޮސްފައެވެ. 



ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންނަށް
ހިޔާވަހިކަމާއި ހިމާޔަތް ދިނުމުގައި ވިލާތުގެ އެކި ގައުމުތަކުގެ ސިޔާސަތުތައް
ތަފާތުވެފައިވާއިރު މިކަމުގައި އެންމެ ރަނގަނޅު ސިޔާސަތެއް ގެންގުޅޭކަމަށް ގިނަ
ބަޔަކު ދެކެނީ ޖަރުމަނުވިލާތުންއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކަލްވަނީ ސޫރިޔާގެ 10 ހާސް ރެފިއުޖީން
އޭނާގެ ގައުމުން ބަލައިގަންނާނެކަން ހާމަކުރައްވާފައެވެ. އަދި ސޫރިޔާގެ
ރެފިއުޖީން ޖަރުމަނުވިލާތަށް ދަތުރުކުރުން ފަސޭހަ ކުރުމަށްޓަކައި ޖަރުމަނުވިލާތުގެ
ސަރުކާރުންވަނީ އޮސްޓްރިޔާ ސަރުކާރާއެކު މިކަމާބެހޭ އެއްބަސްވުމެއްގައި މިދިޔަ
ހުކުރުދުވަހު ސޮއިކޮށްފައެވެ.



މިއެއްބަސްވުމާއެކު އޮސްޓްރިޔާ ހުރަސްކޮށް ޖަރުމަނުވިލާތަށް ވަންނަމުންދާ
ސޫރިޔާގެ ރެފިއުޖީންގެ ޢަދަދު ވަނީ ވަރަށްބޮޑަށް އިތުރުވާން ފަށާފައެވެ. ނަމަވެސް
ސޫރިޔާގެ ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް ފާޅުގައި ދެކޮޅުހަދާ އެތަށް ގައުމެއް
ވިލާތުގެ އިއްތިޙާދުގައި ހިމެނެއެވެ. މީގެތެރޭގައި ޕޮލެންޑް، ސޮލޮވޭކިޔާ، ޗެކް ރިޕަބްލިކް، އަދި
ހަންގެރީ ހިމެނެއެވެ.
މިގައުމުތަކުގެ ސަރުކާރުތައް ބުނާގޮތުން އެގައުމުތަކުގެ އިގްތިސާދީ އަދި
އިޖްތިމާއީ ކަންތައްތައްވަނީ ސޫރިޔާގެ ރެފިއުޖީން ބަލައިގަނެވޭފަދަ
ހާލަތެއްގައެއްނޫނެވެ.




އެހެންކަމުން އެގައުމުތަކުން ގެންދަނީ ސޫރިޔާގެ ރެފިއުޖީންގެ ކުރިމަތީގައި
އެގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ކަށިނަރުޖަހައި ބަންދުކުރަމުންއެވެ. އަދި ހަންގެރީގެ
ސަރުކާރުން ގެންދަނީ އެގައުމަށް މިހާތަނަށް ވަދެފައިވާ ސޫރިޔާގެ ރެފިއުޖީން
ސަރަހައްދީ ރޮނގު ހުރަސްކޮށް އޮސްޓްރިޔާއަށް ފޮނުވާލުމުގެ މަސައްކަތް ވަރަށް
ބާރަށް ކުރަމުންއެވެ.




އަނެއްކޮޅުން ސްވިޑްން ގެ އެތަށް ހާސްބަޔަކުވަނީ ހާލުގައި ޖެހިފައިވާ
ސޫރިޔާގެ ރެފިއުޖީން ބަލައިގަތުމަށާއި އެމީހުންނަށް އެހީތެރިކަމާއި ރައްކާތެރިކަން
ދިނުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައި ސްޓޮކްހޮމްގައި އާދީއްތަ ދުވަހު ވަނީ
މުޒާހަރާކޮށްފައެވެ.
ސްވިޑްންއަކީ ސޫރިޔާގެ ރެފިއުޖީންނާމެދު މުއާމަލާތްކުރާނެ ރަސްމީ ސިޔާސަތެއް
އަދި އިޢްލާންކޮށްފައިނުވާ ގައުމެކެވެ.



ކަނޑު ހުރަސްކޮށް ވިލާތުގެ ބައްރަށް އެތެރެވާ ސޫރިޔާގެ ރެފިއުޖީންނަށް
ހިޔާވަހިކަމާއި ހިމާޔަތް ދިނުމުގައި ވިލާތުގެ އެކި ގައުމުތަކުގެ ސިޔާސަތުތައް
ތަފާތުވެފައިވާއިރު މިސިޔާސަތުތައް އެއްގޮތްކޮށް މިމައްސަލަ ހައްލުކުރާނެ
ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ވިލާތުގެ އިއްތިޙާދުގެ އިސްވެރިންގެ
ކުއްލި ސަމިޓެއް ބްރަސަލްސްގައި ބޭއްވުމަށް އޮސްޓްރިޔާގެ ޗާންސލަރ އާދީއްތަ
ދުވަހުވަނީ ގޮވާލައްވާފައެވެ. އަދި ވިލާތުގެ އިއްތިޙާދުގެ ގައުމުތަކުގެ ޚާރިޖީ
ވަޒީރުންވަނީ މިދިޔަ ހޮނިހިރު ދުވަހު ލަކްސަމްބާގް ގައި ބައްދަލުކުރައްވައި
ސޫރިޔާގެ ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަންދޭނެ މަރުކަޒުތަކެއް ގާއިމް ކުރުމާބެހޭގޮތުން
މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ
ވެރިޔާ ފްރެޑްރިކާ މޮގިރީނީ ވަނީ މިކަމާ ދެކޮޅު ހައްދަވާފައެވެ.