ޚަބަރު

އެއްވެސް ފަރާތަކުން ސިއްޚީ ރައްކާތެރިކަން ނަގާނުލުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި


ރާއްޖޭގައި މިއަދު އޮތް ސިއްޚީ ރައްކާތެރިކަން ނަގާލެވޭގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގައިދުރުކަމެއްނެތި ބޭއްވި އިޙްތިޖާޖުތަކާއި، ސައިކަލު ބުރާއި ގުޅިގެންނެވގެ. މިނިސްޓަރ އިމްރާން ވިދާޅުވީ ސިއްޚީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށްބޮޑު ފަރަގެއްވާކަމަށެވެ.

މިއަދު ކުރިމަތިވެފައިވާ ހާލަތަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތަކަށްވުމުން މިހާލަތުގައި އެޗްޕީއޭއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެބުމަށް މިނިސްޓަރ އިމްރާން ވަނީ އިލްތިމާސްކުރައްވާފައެވެ.

"ރައްޔިތުންގެ ސިއްޚީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށްބޮޑު ފަރަގެއްވޭ. ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލަން" މިނިސްޓަރ އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަލަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މާނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.