ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ރައީސް ޑެމޭ ލުއިސް މާޓިން އަންގަވާފައިވާ ކަމަށެވެ. ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް އަލުން ހޯދައިދިނުމުން ރައީސް ވަނީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރިއެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ޤައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ޙަރަކާތެވެ. ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ލިބުމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފު ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން ފުރުޞަތު ލިބިގެންދިއުމަކީ ދިވެހި އެތުލީޓުންނަށް ލިބުނު ބޮޑު ފުރުޞަތެއް ކަމަށެވެ. އަދި 2022 ގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ރާއްޖެއަށް ލިބޭނެ ފަހުރެއް ކަމަށެވެ.
ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލުނީ ކުރީ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެންބަރަކު ވޯޓު ދެއްވުމުންނެވެ.
ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. އެންމެ ފަހުން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައެވެ.