ދުނިޔޭގެ ވިޔަފާރި

އެޕަލްގެ އުފެއްދުންތައް ޗައިނާގައި ވިއްކުން މަނާކޮށްފާނެ!


ޗައިނާ ކުންފުނިތަކުގެ އެޕްލިކޭޝަންތައް އެމެރިކާއިން މަނާކުރާނަމަ، އެމެރިކާ ކުންފުނިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޗައިނާއިންވެސް މަނާކުރާނެކަމުގެ އިންޒާރު ޗައިނާގެ އޮފިޝަލުން ދީފިއެވެ.

ޗައިނާގެ އޮފިޝަލުން އެމެރިކާގެ ކުންފުނިތަކުގެ އުފެއްދުންތައް މަނާކުރާނެކަމުގެ އިންޒާރު ދީފައި މިވަނީ، ޗައިނާގެ ޓިކްޓޮކްއާއި ވީޗެޓް އެމެރިކާގައި މަނާކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި ކުޑަތަންވަމުންދަނިކޮށެވެ. އެމެރިކާއިން ވަނީ ސެޕްޓެމްބަރުމަހުގެ މެދު ތެރެއިން ފެށިގެން ވީޗެޓްއާއި ޓިކްޓޮކް މަނާކުރާނެކަމުގެ އިންޒާރު ދީފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވީ ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާއިން މަނާކުރާނަމަ، އެމެރިކާގެ އައިފޯނާއި އެޕަލްގެ އުފެއްދުންތައް ޗައިނާގައި ވިއްކަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ޒާއޯ ވިދާޅުވީ އެމެރިކާއިން ޗައިނާގެ އުފެއްދުންތައް މަނާކުރުމަށް ނިންމުމާ ގުޅިގެން، އެމެރިކާގެ އުފެއްދުންތައް ނޫނެކޭ ބުނުމަށް ޗައިނާގެ ރައްޔިތުން ބޭނުންވާކަން ހާމަކުރަމުންދާކަމަށެވެ.

ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާގައި މަނާކުރަން ފަށާފައިވަނީ، އެކުންފުނިތަކުން އެމެރިކާ ރައްޔިތުންގެ މަޢުލޫމާތު ޗައިނާ ސަރުކާރާ ހިއްސާކުރާކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ޗައިނާގެ ކުންފުނިތަކުން މިތުހުމަތުތައް ދޮގުކުރެއެވެ.