ޚަބަރު

ކ.ގާފަރާއި ރ.މަޑުއްވަރީގެ އައިސްޕްލާންޓްގެ މަސައްކަތް 4 މަސްތެރޭ ނިންމާލެވޭނެ - ފިޝަރީޒް މިނިސްޓްރީ


ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 4 މަސްތެރޭގައި ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗަރ ޒަޙާ ވަހީދު ވިދާޅުވީ މިމަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވުނު ނަމަ މިއަހަރުގެ މޭއި މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އެހެންނަމަވެސް މަސައްކަތް ޙަވާލުކުރި ކުންފުންޏަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މިހާރު މިޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލްޓް ވޯޓަރ އައިސްޕްލާންޓްގެ މަސައްކަތް ބީލަމުގެ އުސޫލުން ޙަވާލުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެހެންނަމަވެސް އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާ މިޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރުގެ މަސްކުންފުނިކަމަށްވާ މިފްކޯއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް 4 މަސްތެރޭގައި މިދެރަށުގައި އައިސްޕްލާންޓްގެ ޤާއިމުކުރުމުގެ މަސައްކަތް ނިމިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކ.ގާފަރާއި ރ. މަޑުއްވަރީގެ އިތުރުން ސަޢުދީ ސަރުކާރުގެ އެހީގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފ.ފީއަލީގައިވެސް ސަރުކާރުގެ ފަރާތުން އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މި އައިސްޕްލާންޓްތައް ޤާއިމުކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގައި ފިޝަރީޒްސް މިނިސްޓްރީއިން ވިދާޅުވެއެވެ.

މަސް ކިރުވޭގޮތް ނުވުމާއި، އައިސް ނުލިބުމަކީ މަސްވެރިންގެ ފަރާތުން އާއްމުކޮށްވެސް ލިބެމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.