ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް މަސްވެރިކަމުގައި ބޭނުންކުރަމުން އަންނަ އުޅަނދުތައް އާ ގޮތްތަކަކަށް ފަރުމާކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންސިސޯސަސް އެންޑް އެގްރިކަލްޗަރ ޒަޙާ ވަޙީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަޙާ ވަޙީދު ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރުމާ ހަމައަށް މަހުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ބޭނުންވާ އައިސް ދޯނިތަކަށް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. މިއީ ރާއްޖޭގައި ބާނާ މަހުގެ ކޮލިޓީއާއި ގުޅިފައިވާކަމަކަށް ވުމާއެކު މިކަމަށް ޙައްލެއް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަމަށް ޙައްލެއްގެނެސް މަސްވެރިކަން ކުރިއެރުވުމަށް އާ ފަރުމާތަކެއްގެ އުޅަނދުތައް ބޭނުންވާކަމަށާއި އެބަދަލު ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ދޯނީގައި ރެފްރިޖަރޭޓްޑް ސީ ވޯޓަރ ސިސްޓަމް ޤައިމުކުރުމަށް ލޯނު ދޫކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެސްޑީއެފްސީ މެދުވެރިކޮށް 6 ފަރާތަކަށް ލޯނުދޫކޮށް ދޯނިތަކުގައި ސިސްޓަމް ހަރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސިސްޓަމް މެދުވެރިކޮށް މަހަށް ބޭނުންވާ މިންވަރަށް ދޯނީގެ ވަތުގައި ފެންފިނިކޮށް ބެހެއްޓޭނެ ނިޒާމު މިހާރު ޤާއިމުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިތުރު 50 ފަރާތަކަށް މި ލޯނު ދޫކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދޮށީގެ މަސްވެރިކަންކުރުމުގައި ބާނާ މަސްތައް ދޯނީގެ ތައްޓުމައްޗަށް ވެއްޓި ލިބޭ ގެއްލުން ކުޑަކުރުމަށް ޒަމާނީ އުކުޅުތައް މެދުވެރިކޮށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އަދި އެންވެރިކަން އެއީ ވަކި ޚާއްސަ މަސްވެރިކަމަކަށް ހެދުމުގެ ވިސްނުންވެސް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންވެރިކަން ކުރުމުގެ ތެރޭގައި ދިމާވާ ހިތާމަވެރި ޙާދިސާތައް މަދުކުރުމަށް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވީ ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވި ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އިޤްތިޞާދު ކޮޅަށް ޖެހުމުގައި މަސްވެރިކަމުގެ ސިނާޢަތް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަން ހުއްޓުނު ދަނޑިވަޅުގައިވެސް ދިވެހި ދޯނިތަކުން މަސްވެރިކަން ހުއްޓާނުލާ ކުރިއަށް ގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އިޤްތިޞާދާއި ގުޅިފައިވާ މިސިނާޢަތް އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.