ކުޅިވަރު

ގައުމުތަކުގެ ހާލަތު ރަނގަޅު ނުވާނަމަ، މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރަނީ


އޭޝިޔާގެ ގައުމުތަކުގައި މެދުގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ މިހާރު ރޭވިފައިވާގޮތަށް މުބާރާތް ބޭއްވުމުގެ ބިރުހީވެފައިވާތީ އޭފްސީ ކަޕް ފުޓްބޯޅަ މުބާރާތް ކެންސަލް ކުރަން ޖެހިދާނެކަމުގެ އިޝާރާތެއް އޭޝިޔާގެ ފުޓްބޯޅައިގަ މައި އިދާރާއިން ދީފިއެވެ.

އޭއެފްސީ ބުނީ ގައުމުތަކުގެ ހާލަތު ރަނގަޅަށް އެ ޖަމިއްޔާއިން ބަލަމުން އަންނަކަމަށެވެ. އޭއެފްސީ ކަޕުގެ އިތުރުން އޭފްސީ ޗެމްޕިއަންސް ލީގު، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް މިހާރު ރޭވިފައިވާގޮތަށް އިތުރު ވިސްނުމަކަށް ދާންޖެހިފައިވާކަމަށް އޭއެފްސީ ބުންޏެވެ. އެޖަމިއްޔާއިން ބުނީ އެންމެ ބޮޑު މައްސަލައަކީ ހަލުވިކަމާއެކު ގައުމުތަކުގައި ވައިރަސް ފެތުރިގެން ދިޔުންކަމަށާއި އެހެންކަމުން ކުލަބުތަކަށް މުބާރާތްތަކަށް ތައްޔާރުވުމަށް ރައްކާތެރި މާހައުލެއް ނެތްކަމަށެވެ.

ގައުމުތަކުގެ ހާލަތު ހުރިގޮތުން ގިނަ ޓީމުތަކުގެ ތަމްރީންތައް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފައެވެ. މުބާރާތުގައި ގުރޫޕް އީގައި ރާއްޖޭގައި ކުޅޭ މެޗުތަކަށް އިންޑިޔާ ޗެންނާއި އެފްސީއަށް ވެސް ތައްޔާރުވުންތަކަށް ވައިރަސްގެ ސަބަބުން ހުރަސްތައް އެބަހުރިކަމަށް އެ ކުލަބުން ވެސް ވަނީ ހާމަކޮށްފައެވެ. އަދި މުބާރާތަށް ތައްޔާރުވުމަށް ތަމްރީންތައް ފަށާފައި ނުވާކަމަށްވެސް އެކްލަބުން ބުނެއެވެ.

އޭއެފްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ދެޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބަށް ޕްރެކްޓިސް ކުރުމަށް ސަރުކާރުން ވަނީ މިހާރު ހުއްދަ ދީފައެވެ. މުބާރާތުގައި ގުރޫޕް އީ ގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު ގްރޫޕް އޭ، ބީ އަދި ސީ ގެ މެޗުގެތައް ކުޅުމަށް ހަމަޖެހިފައިވަނީ ބަހްރެއިން، ކުވެއިތް އަދި ޖޯޑަންގައެވެ. ގުރޫޕް އެފް އަދި ޖީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމްގައެވެ.

މި ގައުމުތަކުގެ ތެރެއިން ކޯވިޑް-19 ފެތުރުން ކިރިޔާވެސް ކޮންޓްރޯލްވެފައިވާ ގައުމަކީ ވިއެޓްނާމްއެވެ. އޭއެފްސީން ބުނީ ކަނޑައެޅިފައިވާ ތާރީޚްތަކުގައި މުބާރާތް ބާއްވަން އެންމެ ފަހުވަގުތާހަމަޔަށް ވެސް މަސައްކަތް ކުރާނެކަމަށާއި ގައުމުތަކުގެ ހާލަތު ރަނގަޅު ނުވާކަމުގައި ވާނަމަ މިއަހަރުގެ މުބާރާތް ކެންސަލްކުރަން ޖެހިދާނެކަމަށެވެ.