ކުޅިވަރު

މިއީ އަނެއްކާވެސް ތަށްޓެއް ހޯދަން ލިބޭ ފުރުސަތެއް: އާޓެޓާ


އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗަކީ އަނެއްކާވެސް ތަށްޓެއް ހޯދުމަށް އާސެނަލަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މާދަމާރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗާ ގުޅޭގޮތުން އާޓެޓާ ބުނީ ޕްރީ ސީޒަން ހެދުމަށް ލިބުނު ކުރު މުއްދަތުގެ ތެރޭގައި ކޮމިއުނިޓީ ޝީލްޑް މެޗަށް ޓީމު އޮތީ ތައްޔާރުވެފަކަމަށެވެ. މި ލިބުނު ވަގުތާ ބަލާފައި ޓީމުގެ ތައްޔާރުވުންތައް ރަނގަޅުކަމަށާއި ކުޅުންތެރިން މެޗު ކާމިޔާބުކުރަން ވަރަށް ބޭނުންވެފައި ތިބިކަން ފަހުގެ ތަމްރީންތަކުގައި ފެނުނުކަމަށް ކޯޗު އާޓެޓާ ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ނުކުންނާނީ ޗެރިޓީ ޝީލްޑް މެޗެއްކަމަކު ފައިނަލެއް ގޮތަށް ދެކިގެން މެޗު ކާމިޔާބުކޮށް ޝީލްޑް އުފުލާލަންކަމަށެވެ. އާޓެޓާ ބުނީ ޕްރީ ސީޒަނުގެ މެދު ތެރެއިން މިމެޗާ ކުރިމަތިލާން ޖެހުމުން އުނދަގޫތަކެއް އެނބަހުރިކަމަށާއި މެޗުގެ ކުރިން ޓީމަށް ކުރެވުނީ އެންމެ ދެ ޕްރެކްޓިސްކަމަށެވެ.

އޭނާ ބުނީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އައުބަމަޔަން ދިގުމުއްދަތަކަށް ޓީމުގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި ވަރަށް އަވަހަށް އައު އެބަސްވުމުގެ މަސައްކަތް ކުލަބާއެކު ކުޅުންތެރިޔާ ފަށާނެކަމަށެވެ. އައުބަމަޔަންއަކީ ހުސްވި ދެ ސީޒަނުގައިވެސް އާސެނަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ