ދީން

ހުއްދަ އޮވެގެން ނޫނީ ދީނީ ދަރުސް ނުދެވޭގޮތަށް ކަނޑައަޅައި


ރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި ދީނީދަރުސްދެވޭނީ ހަމައެކަނީ  އިސްލާމިކް މިނިސްޓްރީން ލިޔުމުން
ހުއްދަދީފައިވާ ފަރާތްތަކަށް އެކަނިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހިރައްޔިތުންގެ ދީނީ
އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ދީނީ
ތަޤްރީރުކޮށް ދީނީ ނަސޭހަތްދެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިއުމަކުން
ލިބިގެންކަމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާރަކަށް އައިސް އިސްލާމިކް
މިނިސްޓްރީން ދޫކުރާ ހުއްދަ ނެތި ބައެއް ފަރާތްތަކުން ދީނީ ތަޤްރީރާއި،
ދަރުސްދިނުމާއި، ޚުޠުބާކިޔުން ފަދަ ކަންކަންކުރަމުންދާކަން ފާހަގަކުރެވޭކަމަށެވެ.



ރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ދީނީ ދަރުސްދިނުމަށް އިސްލާމިކް
މިނިސްޓްރީން މިހާތަނަށް ތިންސަތޭކައެއްހާ ފަރާތައް ހުއްދަދޫކޮށްފައިވާކަމަށާ
އެފަރާތްތަކަށް ހުއްދަދޫކޮށްފައިވަނީވެސް ދީނީ ތަޤްރީރުކުރުމުގައި
ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހިމެނޭ އެއްބަސްވުމެއްގައި
ސޮއިކުރުމަށްފަހުކަމަށް އެ މިނިސްޓްރީބން މަޢުލޫމާތުދެއްވައެވެ. ދީނީ
ތަޤްރީރުކުރާއިރު ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމަށް
މަސައްކަތްކުރުމަށް ބާރުއެޅުމާއެކު، ދީނީ ގޮތުން ވަކި ފިކުރެއް
ޕްރޮމޯޓްކުރެވޭގޮތަށް ތަޤްރީރުނުކުރުންފަދަ ކަންކަން ޝަރުޠުކޮށްފައިވާނެކަމަށް
އެމިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިން މިނިސްޓްރީން ވިދާޅުވީ ދީނީ
ތަޤްރީރުކުރުމާ ދަރުސްދިނުމުގެ ހުއްދަ ނަގަންބޭނުންވާ ފަރާތްތަކަށް މިހާރުވެސް
ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން އެ
ހުއްދަދޫކުރަމުންދާނެކަމަށެވެ.