ޚަބަރު

ނ.މާފަރު އެއަރޕޯޓްގައި ބޯޑަރ ކޮންޓްރޯލް ނިޒާމް ޤާއިމުކޮށްފި


ނ.މާފަރު އެއަރޕޯޓްގައި ބޯޑަރ ކޮންޓްރޯލް ނިޒާމް ޤާއިމުކޮށްނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނިލޮޖީއިން ވިދާޅުވެއްޖެއެވެ.

ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުގައި ޤާއިމުކުރުމާއެކު ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ ވައިގެ ބަނދަރުތަކުގައާއި ކަނޑުގެ ބަނދަރުތަކުގައި މި ޙިދުމަތް ފުރިހަމަވެފައިވާކަމަށް ސައިންސް އެންޑް ޓެކްނިލޮޖީ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މި ނިޒާމަކީ ރާއްޖޭގެ ބޯޑަރު ހުރަސްކުރާ މީހުންގެ މަޢުލޫމާތު ރައްކާކޮށް، ރާއްޖޭގެ ބޯޑަރު ސަރަޙައްދު ބެލެހެއްޓުމާއި، ޤަވައިދާ ޚިލާފަށް ބޯޑަރު ހުރަސްކުރާ މީހުން ދެނެގަތުމަށްވެސް އެހީވެދޭ ނިޒާމެކެވެ. ބޯޑަރ ކޮންޓްރޯލް ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގެދަށުން ހިންގާ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަރާތުންނެވެ. މި މަސައްކަތް މުޅިން ފުރިހަމަކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރ ސިސްޓަމް މިދިޔައަހަރުވަނީ އެންމެ ޒަމާނީ ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް އަޕްގްރޭޑްކޮށްފައެވެ. މި ސިސްޓަމްތަށް ބޭނުންކުރަމުގައި އިތުރު މަސައްކަތްތަކަށް އެން.ސީ.އައި.ޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

ނ.މާފަރު އެއަރޕޯޓަކީ އިންޓަރނޭޝަނަލް ފްލަޓްތަކަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.