ޚަބަރު

މާލޭގެ މަގުތަކުގެ ދިރާސާއާއި ރީ ޑިޒައިންގެ މަސައްކަތް


6 މިލިއަން ރުފިޔާ އަށް މާލޭގެ މަގުތައް ދިރާސާ ކުރުމާއި،  ރި-ޑިޒައިން ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ މާލެ- ހުޅުލެ ބްރިޖާއި ލ. ގަމުގެ މަގުގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ކޮށްފައިވާ " ސީސީސީސީ ހައިވޭ ކޮންސަލްޓެންޓް ކޯ ލިމިޓެޑް އާއި އާކް އީއެންޖީ ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް އާއެވެ.  މި އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު 12 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.    މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވުން ކުޑަކުރުމަށް މަގުތަކުގެ ޓްރެފިކް ފްލޯ އަށާއި، މަގުތަކަށްވެސް ސަރުކާރުން އަންނަނީ ބަދަލުތައް ގެންނަވަމުންނެވެ. އަދި މަގުތަކުގެ އަޑިގުޑަން ރަނގަޅު ކުރުމާއި، ބައެއް މަގުތައް ފުޅާކޮށް ޕާކިން ޒޯންތައް އިތުރުކޮށް، ބައެއް ސަރަހައްދުތަކަކީ ހަމައެކަނި ހިނގާފައި އުޅޭ ސަރަހައްދުތަކަކަށްވެސް ވަނީ ބަދަލުކުރައްވާފައިއެވެ. މިއަދު ޗައިނާ ކުންފުންޏާ ހަވާލު ކުރި މަޝްރޫއަކީ، މާލޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަވާ މަސައްކަތްޕުޅުގެ ތެރެއިން، މާލެ ރިޑިވެލޮޕް ކުރުމުގެ ސިޔާސަތު ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމަށް މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢެއެކެވެ. ޗައިނާ ކުންފުންޏާ މި މަޝްރޫޢު ހަވާލު ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ކުންފުންޏާ ހަވާލު ކުރެވިގެންމި ދިޔައީ، މާލޭގެ މަގުތަކަށް ގެންނާނެ ބަދަލުތައް ސާރވޭ ކުރުން ކަމަށާއި، މީގެ ތެރޭގައި، މާލެގެ ފެންހިންދާ ނިޒާމަށް އަންނާނެ ބަދަލު ތަކާއި،  އިތުރަށް ހެދޭނެ މަގުތައްވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޗައިނާގެ ކުންފުނިން މަސައްކަތް ކުރާނީ ސަރުކާރުން މިހާރުވެސް މަގުތައް ރި-ޑިޒައިން ކުރުމަށް ގެންގުޅުއްވާ ސިޔާސަތާ އެއްގޮތައް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން، އީއައިއޭ ރިޕޯޓް ތައްޔާރު ކުރުމާއި، ޖިއޯ ޓެކްނިކަލް ރިޕޯޓް ތައްޔާރު ކުރުމާއި، ޓްރެފިކް މެނޭޖް ކުރާނެ ގޮތުގެ ދާއިމީ ހައްލެއްވެސް އެ ކުންފުނިން ސަރުކާރަށް ހުށައަޅަން ޖެހެއެވެ. 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ޗައިނާގެ ޓީމް ރާއްޖެ އަންނާނީ، މި މަހުގެ 15 ވަނަ ދުވަހުއެވެ. ޗައިނާ ޓީމްގެ ސާރވޭ ނިންމާ ސަރުކާރަށް ރިޕޯޓް ހުށަހަޅާއިރު އެކިކަންތައް ކޮންޓްރެކްޓަރުންނާ ހަވާލު ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެ ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.  މި މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކޮށްފައިވަނީ އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައިގެން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.