ޚަބަރު

ނާޖާއިޒް ފައިދާއެއް ހޯދުމަށް މަސައްކަތްކޮށްފައެއް ނޯންނާނެ - ހެލްތު މިނިސްޓަރ އަމީން


ކޯވިޑް-19އާއި ގުޅިގެން ހޯދުމަށް އިއުލާންކުރި ވެންޓިލޭޓަރުގެ މުޢާމަލާތްތަކުގައި ވަކިމީހަކަށް މަންފާއެއް ހޯދުމަށް ނުވަތަ ނާޖާއިޒް ފައިދާއެއް ހޯދުމަށް މަސައްކަތްކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން މިހެން ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ނެރުނު އޮޑިޓް ރިޕޯޓާއި ގުޅިގެން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލި މަޑުކަމެއްގައި މަސައްކަތްކުރެއްވީ އެޙާލަތުން ޤައުމު ސަލާމަތްކުރުމަށް ކަމަށާއި މިކަމުގައި ދައުލަތުގެ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާކުރައްވާފައިވާނެކަމަށެވެ. މިނިސްޓަރ އަމީން ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް މަސައްކަތް ކުރެއްވީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށާއި، އެދަނޑިވަޅުގައި ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރު ލިބޭނެ ގޮތެއް ހޯއްދެވުމަށް ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ މެދުގައި މަޝްވަރާކުރެވިފައިވާނެކަމަށެވެ. އެގޮތުން މިކަމުގައި ދައުލަތުގެ ބަންޑާރަ ނާއިބާއި ފިނޭންސް މިނިސްޓްރީގެ ލަފައާއި އިރުޝާދު ހޯއްދަވާފައިވާނެކަމަށާއި މަސައްކަތްކުރެއްވީ އެފަރާތްތަކުގެ ހުއްދައާއެކުގައި ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މީގެ އިތުރުން އެއީ މުޅި ދުނިޔޭގައިވެސް ސިއްޙީ ނުރައްކާ އޮތް ދަނޑިވަޅެއް ކަމުން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ވީ އެންމެ އަވަހަކަށް ހޯދުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިސަރަޙައްދަށް ކަނޑަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވްއާއި އެތައް މަޝްވަރާތަކެއް ކުރެއްވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ ރަސްމީކޮށް ކުރެއްވި މަޝްވަރާތަކެއްކަމަށް މިނިސްޓަރ އަމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގެނައުމަށް މަސައްކަތްކުރެއްވީ އެއްވެސް ޙާލެއްގައި ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް މަންފާތަކެއް ހޯއްދެވުމަށް ނޫންކަމަށާއި ނާޖައިޒް ފައިދާއެއް ހޯއްދެވުމަށް ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް އެދަނޑިވަޅުގައި މަސައްކަތް ނުކުރާކަމުގެ ފުރިހަމަ ޔަގީންކަން ލިޔެކިޔުމުން ފެންނަން އެބައޮތްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓު މުޅިން ސައްޙަ ނޫންކަމަށާއި، ކޯވިޑް-19އާއި ގުޅިގެން ހޯދަން މަސައްކަތްކުރެއްވި ވެންޓިލޭޓަރާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް އޮޑިޓަރ ޖެނެރަލްއަށް ހުށައަޅާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވެންޓިލޭޓަރު ތަކާއި ގުޅިގެން ޢާއްމުކުރި އޮޑިޓް ރިޕޯޓާއެކު ހެލްތު މިނިސްޓްރީއަށްވަނީ ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި ދިއްކުރެވިފައެވެ. އަދި މިކަންކަން އިތުރަށް ތަޙުގީގުކުރުމަށް އޭސީސީއާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.