އަންނަ އަހަރު ގައުމީ މަންހަޖުގެ ދެވަނަ ހަރުފަތް ތަންފީޒު ކުރުމަށްޓަކައި ޓީޗަރުން ތަމްރީން ކުރުމަށް ބޭނުންވާ އެމްބެސަޑަރުން ތައްޔާރު ކުރުމުގެ ގޮތުން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ތަމްރީން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިގްތިސާދީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަރާ މިންވަރަށް، ތައުލީމު ދިނުމުގެ އުސޫލްތަކާއި އުކުޅުތައް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ދިހަވަރަކަށް އަހަރުގެ ބުރަ މަސައްކަތަށްފަހު އާ މަންހަޖަކަށް ކިޔަވައިދޭން ފެށުމުގެ މަގްސަދަކީ ބަދަލުވަމުންދާ ދުނިޔެއަށް ދަރިވަރުން ތައްޔާރު ކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބެލެނިވެރިންނަށާއި ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ތައްޔާރު ކުރެވުނު ފޮތްތަކުގެ ސަބަބުން މަންހަޖުގެ ފޯކަސް އިތުރަށް ރަނގަޅުވެގެން ދިޔަ ކަމަށާއި އަލަށް ތައާރަފު ކުރެވުނު ފޮތްތަކުގައި އިތުރަށް ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަންޖެހޭނެ ބައެއް ކަންތައްތައް ހުރިކަންވެސް ފާހަގަވެގެން ދިޔަކަމަށެވެ. އަދި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު އިތުރަށް ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތްތައް ރޭވިފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.އެގޮތުން މިދިޔަ އަހަރު ތަމްރީނުތައް ފެށުނު އިރު ފޮތްތައް މުޅިން ތަސައްވަރު ކުރެވިފައި ނުވި ނަމަވެސް، މިއަހަރުގެ ތަމްރީން ކުރިއަށްދާއިރު ޓީޗަރުންނަށް މުގައްރަރުތައް ލިބޭނެކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ތައުލީމީ އާ މަންހަޖުގެ ސަބަބުން ދަރިވަރުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ ކީ ސްޓޭޖް އެކެއް ފަށައިގެން ދިޔައިރު ޓިޗަރުންނާއި ކިޔަވައިދޭ ދާއިރާގެ މީހުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.ކީ ސްޓޭޖް ދޭއް ކަމުގައިވާ ގްރޭޑް 4، 5، 6، އަށް ޓީޗަރުން ތައްޔާރު ކުރުމަށް ބޭނުންވާ އެމްބެސަޑަރުން ތަމްރީނު ކުރުމަށް، މިއަދު ފެށި ޕްރޮގްރާމްގައި ރާއްޖޭގެ ސްކޫލްތަކުން 187 ފަރާތެއް ބައިވެރިވާ ކަމަށް އެންއައިއީ އިން ހާމަކުރެއެވެ.މި ތަމްރީން ޕްރޮގްރާމަށް އެމްބެސަޑަރުން ހޮވާފައިވަނީ ސްކޫލްތަކުގެ އާބާދީއަށް ބަލައިގެންކަމަށް އެންއައިއީ އިން ހާމަކުރެއެވެ. އަދި މި ތަމްރީން ޕްރޮގްރާމް ނިންމުމަށްފަހު އަތޮޅު ތެރޭގައި ޓީޗަރުންނަށް ތަމްރީން ހިންގާނީ އެ އެމްބެސަޑަރުންގެ ބެލުމުގެ ދަށުން ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.