ޚަބަރު

އެޗްއާރުސީއެމްއަށް ހުށަހެޅިފައިވާ ނަންތަކަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމުތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލީހުގެ ޤަވާއިދު މިހާރު ބުނާގޮތުން ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމުގައާއި، ބިލްތަކާއި އަދި އެނޫން މަސައްކަތްތަކުގައިވެސް މަޖިލީހުގެ ކޮމިޓީތަކުން އާންމުންގެ ޚިޔާލު ހޯދަންޖެހެއެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިއްޔެ މަޖިލީހަށް ފޮނުވާފައިވާއިރު، އާންމުންގެ ޚިޔާލު މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް މަޖިލީހުން ވަނީ ހުޅުވާލާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްއަސާތަކާއި ބެހޭ ކޮމިޓީއަށެވެ. ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 8 ބޭފުޅުންނާއެކު ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 8 ބޭފުޅުން:

އަލްފާޟިލާ މަރިޔަމް ލައިޒާ
އަލްއުސްތާޒު އިބްރާޒިމް ޒާހިދު
ޑރ.އަދުހަމް އަބްދުﷲ
އަލްފާޟިލާ އާމިތަނު ޝިފާޒު އަބްދުއް ރައްޒާގު
އަލްފާޟިލާ ހުސެއިން އަމްރު
އަލްފާޟިލާ މޫމިނާ ވަހީދު
އަލްފާޟިލާ އަޒްލީމާ އަހުމަދު
އަލްފާޟިލާ މުހައްމަދު ފައުޒީ

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަނުގެ 3 މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ އާއި، އަދި އެ ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައެވެ.

އެޗްއާރުސީއެމަށް އައްޔަން ކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ބާކީ ތިބި ދެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ނާއިބް ރައީސް މަޤާމުން ވަކިކޮށްފައެވެ. އެ ކޮމިޝަނުގައި މިހާރު ހުންނެވީ އެންމެ މެންބަރެކެވެ. އެ މެންބަރުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހު ހަމަވާނެއެވެ.