މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ މިހާރަށްވުރެ ބޮޑަށް މާލޭގެ ރަށްވެހިންނަށް ފުރުސަތު ލިބޭ މަޝްރޫޢުތަކަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތައް ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ފްލެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އިތުރު އެހެން ރަށަކުން އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭނެ ފަންސާސް ހާހަށްވުރެ ގިނަ އާއިލާ މާލޭގައި ދިރުއުޅެމުންދާކަމަށެވެ. މި އާއިލާތަކަކީ ހަމައެކަނި މާލެއަށް ޚާއްސަކުރާ ބޯހިޔާވަހިކަމުން ގެދޮރު ލިބޭނެ މީހުންކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރަށްޔިތުންނަށް ޚާއްސަކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނޭ 7000 ހައުސިންގ ޔުނިޓްގެތެރެއިން މާލޭގެ ރަށްވެހިންނަށް ޚާއްސަކޮށްފައިވަނީ 1000ހައުސިންގ ޔުނިޓެވެ. ނަމަވެސް އެކި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް ފައިނަލް ކުރިއިރު ހުސްވި ޔުނިޓްތައްވަނީ، މާލޭގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަށް އިތުރުކޮށްފައެވެ.
އެގޮތުން މިއަދު އާއްމުކުރި ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީއާއި، އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއިން ހުސްވި ޔުނިޓްތައްވަނީ މާލޭގެ ރަށްވެހިންގެ ކެޓަގަރީއަށް އިތުރުކޮށްފައެވެ. ކުރިން 1000 ޔުނިޓް ދޫކުރަން ނިންމިނަމަވެސް އިތުރުކުރި 772 ޔުނިޓްތަކާއެކު މިހާރު މާލޭގެ ރަށްވެހިންގެ ކެޓަގަރީގައި ޖުމްލަ 1772 ޔުނިޓް ހިމެނެއެވެ. އަސްލަމް ވިދާޅުވީ އެހެން ކެޓަގަރީތަކުން ދެން ހުސްވާ ޔުނިޓްތައްވެސް އިތުރުކުރާނީ މާލޭގެ ރަށްވެހިންގެ ކެޓަގަރީއަށްކަމަށެވެ.
"މާލޭގައި އެބައުޅޭ 5122 އާއިލާއަށްވުރެ ގިނަ އާއިލާ އެހެން ތާކުން ބޯހިޔާހިކަން ނުލިބޭނެ. މާލެ ރަށްވެހިންނަށް މި ފްލެޓް އަދަދުތަކުން ނުފުދޭ. 600 އަކަފޫޓަށްވުރެ ކުދި ތަންތަންކޮޅުގައި އުޅޭ އެތައް އާއިލާއެއް އެބަތިބި. މިމީހުންނަށް އިތުރުގޮތެއް ނެތް، އެހެންވީމަ މާލޭގެ ރަށްވެހިންނަށް އިސްކަންދޭންޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ހިޔާ ހައުސިންގ ޕްރޮޖެކްޓްގައި 11 ކެޓަގަރީއަކުން ފްލެޓް ދިނުމަށްވަނީ ހިމަނާފައެވެ. 28000 އަށްވުރެ ގިނަ މީހުން ފްލެޓަށް އެދި ފޯމް ހުށައަޅާފައިވާއިރު މީގެތެރެއިން އެހެން ކެޓަގަރީތަކަށް މާލޭގެ ރައްޔިތުން ކުރިމަތިލާފައިވަނީ ނިސްބަތުން ވަރަށް މަދު އަދަދަކަށްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މި ސަރުކާރުން އަލަށް ފަށާ ހައުސިންގ މަޝްރޫޢުތަކުގައި މާލޭގެ ރަށްވެހިންނަށް ޚާއްސަކޮށްގެން ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.