ދުނިޔޭގެ ވިޔަފާރި

ޖަޕާނުން އުދުހޭ ކާރުގެ ހިދުމަތްދޭން ފަށަނީ


ދުނިޔޭގެ އެކި ޤައުމުތަކުގައި ތާފާތު ކުންފުނިތަކުން އުދުހޭ ކާރުތަކުގެ އެކި ޑިޒައިންތައް ތައްޔާރުކޮށް، ވިއްކަން ފަށަން ތައްޔާރުވާ ހަބަރު މަދުމަދުން ނަމަވެސް ދަނީ ލިބެމުންނެވެ. 2020 ވަނަ އަހަރާއި ހަމަޔަށް އަންނައިރު އުދުހޭ ކާރުތައް ފެންނާނެކަމަށް ސީޒީޒް އަދި ފިލްމްތަކުން ފެންނަތާ ވަނީ އެތައް އަހަރުތަކެއް ވެފައެވެ. 2023 ވަނަ އަހަރު ޖަޕާނުން މިކަން އަސްލަކަށް ވާނެކަމުގެ ފެހި ސިގްނަލްތަކެއް މިހާރު މިދަނީ ލިބެމުންނެވެ.

ޖަޕާނު ސަރުކާރުން ދަނީ އުދުހޭ ކާރު ތަރައްޤީކުރުމުގެ މަޝްރޫތަކަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ. ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ޖަޕާނުން ބޭނުންވަނީ 2023 ވަނަ އަހަރާއި ހަމަޔަށް އަންނައިރު ވިޔަފާރި އުސޫލުން އުދުހޭ ކާރު ވިއްކަން ފަށަންކަމަށް ޖަޕާން ޓައިމްސްގެ ރިޕޯޓެއްގައި އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޖަޕާނުގެ ކުންފުނިތަކަކީ އުދުހޭ ކާރު އުފައްދާ ބޭނުންކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުނިތަކެކެވެ. މިކަމުގައި ޖަޕާނުގައި އެންމެ އުންމީދީ މަސައްކަތެއް ކުރާ އެއް ބަޔަކީ ސްކައިޑްރައިވް ކިޔާ ސްޓާޓަޕް ކުންފުންޏެކެވެ. މިކުންފުނިން ވަނީ ދާދިފަހުން އުދުހޭ ކާރެއްގެ ޕްރޮޓޯޓައިޕެއް އާންމުކޮށްފައެވެ. "އެސްޑީ-އެކްސް އެކްސް" ނަމަކަށް ކިޔާ މިކާރު އުފައްދާ ސްކައިޑްރައިވް ކުންފުނިން ބުނީ މި ކާރުގެ މި އަހަރުގެ ތެރޭގައި ޓެސްޓުކުރާނެކަމަށެވެ.

ސްކައިޑްރައިވްގެ ސީއީއޯ އަދި ކުރިން ޓޮޔޯޓާ ކުންފުނީގެ އިންޖިނިއަރެއްގެ ގޮތުގައި ހަރަކާތްތެރިވި ޓޮމޮހީރޯ ފުކުޒާވާ ވިދާޅުވީ މިކާރު ބޭނުންކުރާނީ އެއަރ ޓެކްސީ ހިދުމަތް ދިނުމަށްކަމަށެވެ. ފުކުޒާވާ ވިދާޅުވީ މިއުދުހޭ ކާރު ފުރަތަމަ ޓެސްޓު ކުރާނީ އާންމުން އުޅޭ މަގުތަކުގެ ބަދަލުގައި ކަނޑުމަތީގައިކަމަށެވެ. އަދި ޓެސްޓް ފްލައިޓްތަކަށްފަހު މީގެ ބޭނުންކުރަން ފުރަތަމަ ފަށާނީ ރިސޯޓުތަކުގައި ފަތުރުވެރިން އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ.

އޭނާ ބުނީ މިއުދުހޭ ކާރުގެ ޓެސްޓް ފްލައިޓްތައް ކާމިޔާބު ވެއްޖެނަމަ ޔުނިވާރސަލް ސްޓޫޑިއޯ ޖަޕާންގެ ރިސޯޓުތަކުގައި މިކާރު ބޭނުންކުރަން ފަށާނެކަމަށެވެ. އަދި ޕައިލެޓަކާ ނުލައި މިކާރު އުދުހުމުގެ ގާބިލްކަން ހުއްޓަސް، އުދުހޭ ކާރު ފުރަތަމަ އޮޕަރޭޓްކުރަން ފަށާނީ ޕައިލެޓަކާއެކުކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ފުލީ އޮޓަމޭޑަޓްކޮށް އުދުހޭ ކާރުގެ ހިދުމަތްދޭން ފަހުން ފަށާނެކަމަށެވެ. ސްކައިޑްރައިވް އިން ބުނީ ކުންފުނީގެ އުއްމީދަކީ 2028 ވަނަ އަހަރާ ހަމައަށްދާއިރުއެސްޑީ-އެކްސް އެކްސް ކާރުގެ 100 ކާރު ވިއްކުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހޭ ކާރުގެ ތަފާތު ޕްރޮޓޯޓައިޕްތައް ދަނީ ތަރައްޤީކޮށް ޓެސްޓު ކުރަމުންނެވެ. މިމަސައްކަތުގައި އެންމެ ކުރީގައި އުޅެނީ ދުނިޔޭގައި ނަންމަޝްހޫރު ބޮޑެތި ކުންފުނިތަކެވެ. މިގޮތުން މަތިންތާ ބޯޓު އުފައްދާ ބޮޑެތި ކުންފުނިތައްކަމަށްވާ އެއަރބަސް، ބޮއިންގްއިންވެސް މިމަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމެރިކާއާއި އެހެން ޤައުމުތަކުގައި ފުޅާ ދާއިރާއެއްގައި ކާރު ކުއްޔަށްދީ، ޓެކްސީ އަދި ޑެލިވަރީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިކަމަށްވާ އޫބާރއިންވެސް އުދުހޭ ކާރު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖަޕާނުގެ ސްކައިޑްރައިވް ކުންފުނީގެ "އެސްޑީ-އެކްސް އެކްސް" އުދުހޭ ކާރު