ޚަބަރު

ނެޝަނަލް އެމްބިއުލާންސް ސަރވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި


އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނެޝަނަލް އެމްބިއުލާންސް ސަރވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހާއި، މޯލްޑިވްސް ރެޑްކްރެސެންޓް އަދި ޕެރެމެޑިކް ގުޅިގެން ކުރިއަށްގެންިދޔަ ޓްރެއިނިން ޕްރޮގްރާމެކެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ އެމެޖެންސީ މެޑިކަލް ސަރވިސްގެ ނަމުގައި ކުރިއަށްގެންދާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމާއި ކުއްލި ހާލަތުގައި ދޭންޖެހޭ ފަރުވާ ދިނުން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި، ފުރަތަމައެހީ ބޭނުންވާ ހާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދޭނެގޮތުގެ މައުލޫމާތުދިނުމުގެ އިތުރުން އެކަމުގެ އަމަލީ ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުއްލި ހާލަތު ދިމާވެފައިވާ މީހުންނާ މުއާމަލާތު ކުރާނެ ގޮތުގެ މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން މުއާމަލާތުކުރާނެ ރަނގަޅު ގޮތްތައް ބުނެދީ ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ހާލަތްތަކުގައި އަންނަ ކޯލްތަކަށް ވީއެންމެ އަވަހަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތުދީފައި ވެއެވެ.

އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާ ގުޅިގެން، އެމްބިއުލާންސް ދަތުރުކުރާ ވަގުތުތަކުގައި އެހެނިހެން އުޅަނދުތައް އެންބިއުލާންސަށް ތަންދެއްކުމާއި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މަގުބަންދުކުރަން ޖެހިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތުވެސް ވަނީ ދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުދީ އެކަމުގެ ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން އެމްބިއުލާންސްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، ކުރިއަށް ގެންދިޔަ މި ޓްރެއިންނިންގ ޕްރޮގްރާމްގައި އެކި މުއައްސަސާތައް ހިމެނޭ ގޮތުން 30 މުވައްޒަފުން ބައިވެރިވިއެވެ.