ހޮނިހިރު ދުވަހު މާލޭ ޓެނިސްކޯޓުގައި ކުރިއަށްދިޔަ އައިޓީއެފް ޖޭ 30 މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ރާއްޖޭގެ ޓެނިސް ތަރި އާއިޝަތު ކަރިން ސައިޒާން ކުރި ހިތްވަރަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ތައުރީފްކުރައްވައިފިއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިގްނާޒް ވިދާޅުވީ ފާއިތުވެދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ވިދުން ތަންކޮޅެއް ފަނޑުކަމަށެވެ.
އެގޮތަށް ދިމާވީ ރާއްޖޭގެ އުހުގައި ފިޔަޖަހަމުން އަންނަ ގިނަ ކުޅުންތެރިންތަކެއް މިދުވަސްވަރު އަނިޔާގައި ތިބެންޖެހުމާ ގުޅިގެންކަން ހާމަކުރައްވާ އިގްނާޒް ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކަރިން ވަރަށް މޮޅު ކުޅުމެއް ދެއްކިކަމަށެވެ. ދެ ހަފްތާގެވެސް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ކުއާޓާ ފައިނަލާއި، ޑަބަލްސް ސެމީ ފައިނަލުގައި ކަރިން ވާދަކޮށްފަވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އިގްނާޒް ސިފަކުރެއްވިއެވެ.
"މިދިޔަ ޖޭ 30 އަށް ބަލާފައި އެންމެ ރަނގަޅު ކާމިޔާބީއެއް ނޫން. އެއީ އަޅުގަނޑުމެންގެ ބައެއް ޓޮޕް ކުޅުންތެރިން އިންޖަރީއާ ހެދި ބައިވެރިނުވެވުމުން. ދެން އެކަމަކު އަޅުގަނޑުމެންގެ އެއް ކުޅުންތެރިއެއް ކަރިން ވަރަށް ރަނގަޅު ކާމިޔާބީތަކެއް ދެއްކި. ގްރޫޕް ސްޓޭޖުގައި ދެ ވީކްގައިވެސް ހުރިހާ މެޗަކުން މޮޅުވެ، ކުއާޓާ ފައިނަލާހަމައަށް ދިޔަ. ޑަބަލްސްވެސް ސެމީ ފައިނަލުގައި ކުޅެފި. ދިވެހި ކުޅުންތެރިން މިފަހަރު ހަމަ ރަނގަޅަށް ކުޅުނު" އިގްނާޒް ވިދާޅުވިއެވެ.
މިއީ އައިޓީއެފް ޖޭ 30 މުބާރާތް ރާއްޖޭގައި ކުރިއަށްގެންދިޔަ ދެވަނަ އަހަރެވެ. މުބާރާތުގެ އެންމެހާ ކަންކަން ނިންމާލެވުނީ ކާމިޔާބުކަމާއެކުކަމަށް އިގްނާޒް ހާމަކުރެއްވިއެވެ. އެގޮތުން މުބާރާތުގައި ވާދަކުރުމަށް ހުޅުވާލުމުން 34 ޤައުމަކުން 300 އަށްވުރެ ގިނަ އެތްލީޓުން ނަން ހުށަހެޅިކަން އިގްނާޒް ފާހަގަކުރެއްވިއެވެ. ދެ މުބާރާތް ހިމެނޭހެން ކުރިއަށްދިޔަ އައިޓީއެފް ޖޭ 30 ކުރިއަސްދިޔައީ މިމަހުގެ 16 އިން 29 ގެ ނިޔަލަށް މާލޭ ޓެނިސް ކޯޓުގައެވެ.
މިމުބާރާތުގައި އޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިންވަނީ ވާދަކޮށްފައެވެ.