ޚަބަރު

ޓެކްސް އެޕީލްގެ ޤާނޫނީ މެމްބަރަކަށް މުނައްވަރު އައްޔަނުކުރަން ފާސްކޮށްފި


ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ހުސްވެފައިވާ މަޤާމަށް އަލްއުސްތާޛު މުޙައްމަދު މުނައްވަރު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އޭނާ އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 65 ވޯޓުންނެވެ.

މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުގެ މަތީން ވޯޓަށް އަހާނީ ކޮމިޓީން ހުށަހަޅާ ތަރުތީބުންނެވެ. ކޮމިޓީން ހުށަހެޅި ފުރަތަމަ ނަން މަޖިލީހުން ފާސްވުމުން އެ މަޤާމަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދެއްވި އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފަށް ވޯޓަށް އަހާފައި ނުވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި އއ. މަތިވެރީ، ވެސްޓްބީޗް އަލްއުސްތާޛު މުޙައްމަދު މުނައްވަރާއި ގ. ނޫމަރާ ވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފްގެ ނަމެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ އާއިޝަތު އަޒްފާ އަބުދުލްޣަފޫރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލްކޯޓުގެ ފަނޑިޔާރެއްގެ މަޤާމަށް އައްޔަނުކުރެއްވުމުންނެވެ.

5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.